އޮފީހުގައި މަސައްކަތް ކުރަން ޖެހޭ ވަގުތަކީ 8 ގަޑިއިރު ކަމަށް ވިޔަސް އަހަރުމެންގެ ތެރެއިން ގިނަ މީހުންނަކީ އެވަގުތު ހަމަވުމަށްފަހު ވެސް ނުނިމޭ މަސައްކަތްތަކެއް ހުންނާތީ އޮފީހުގައި އިތުރު ވަގުތު މަސައްކަތްކުރާ މީހުންނެވެ. މިކަމަކީ ޑިޕްރެޝަންއާއި ނަފްސާނީ އެހެން ބަލިތަކަށް މެދުވެރިވާ ކަމެއް ކަމަށް ދިރާސާ އަކުން މިވަނީ ދައްކާފަ އެވެ. ހާއްސަކޮށް އަންހެނުންނަށެވެ.

ބީއެމްޖޭސް ޖާނަލް އޮފް އެޕިޑެމިއޮލޮޖީ އެންޑް ކޮމިއުނިޓީ ހެލްތުގައި ޝާއިއު ކޮށްފައިވާ ދިރާސާއެއްގައި ބުނާގޮތުންނަމަ ގިނަ ވަގުތު މަސައްކަތުގައި ހޭދަ ކުރާ ފިރިހިނެނުންނަށް ވުރެ ގިނަ ވަގުތު މަސައްކަތުގައި ހޭދަ ކުރާ އަންހެންނުން، ޑިޕްރެޝަންއަށް ދިއުމުގެ ފުރުސަތު ބޮޑެވެ.

ވިހި ހާސް އަންހެނުން ހިމަނައިގެން ކުރިއަށް ގެންދިޔަ އެ ދިރާސާގައި ބުނާ ގޮތުންނަމަ، ހަފްތާއަކު 55 ގަޑިއިރަށްވުރެ ގިނަ ވަގުތު މަސައްކަތުގައި ހޭދަ ކުރާ އަންހެނުން ޑިޕްރެޝަންގެ ޝިކާރައަކަށްވުމުގެ 15 ޕަސެންޓް ފުރުސަތު ބޮޑެވެ. އަދި ހަފްތާއަކު 35 ގަޑި އިރާއި 40 ގަޑި އިރަށް ވުރެ ގިނަ ވަގުތު މަސައްކަތް ކުރާ މީހުންގެ ތެރެއިން 7.3 ޕަސެންޓް މީހުންގެ ފަރާތުން ޑިޕްރެޝަން އާ ގުޅުން ހުރި އަލާމާތްތައް ފެނިފައިވާ ކަމަށް ވެސް އެ ދިރާސާގައި ބުނެފައިވެ އެވެ.

ބަންދު ދުވަސްތަކުގައި ވެސް ގިނަ ވަގުތު މަސައްކަތުގައި ހޭދަ ކުރަން ޖެހުމަކީ ދެ ޖިންސުގެ ގިނަ ބަޔަކު ޑިޕްރެޝަންގެ ޝިކާރައަކަށް ވުމަށް މަގުފަހި ވެގެންދާ ކަމެއް ކަމަށް ވެސް އެ ދިރާސާގައި ބުނެ އެވެ.

އެހެން ކަމުން އޮފީހުގެ މަސައްކަތްތައް އޮފީހުގެ ވަގުތު ތެރޭގައި ނިމޭނެހެން މަސައްކަތްތައް ރާވާލުމަކީ ނަފްސާނީ ދުޅަހެޔޮ ކަމަށް ވަރަށް މުހިއްމު ކަމެކެވެ.