ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 78.6 މިލިއަން ރުފިޔާގެ އެހީ ދޭން ޖަޕާނުން ނިންމައިފި އެވެ.
މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.
މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރައްސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ޚަލީލެވެ. އަދި ޖަޕާނުގެ ފަރާތުން ސޮއި ކުރެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ސަފީރު ޓެކެއުޗީ މެޑޮރީއެވެ.
އެ އެއްބަސްވުމުގެ ދަށުން ފުލުހުންނަށް ބޭނުންވާ ބައެއް އާލާތްތައް ވެސް ހަދިޔާކުރަން ވަނީ ހަމަޖެހިފަ އެވެ. އޭގެތެރޭގައި ޓްރެފިކް ފުލުހުން ބޭނުންކުރާ އާލާތްތައް ހިމެނެ އެވެ. މީގެއިތުރުން ރާއްޖޭގެ ކަނޑުގެ ސަލާމަތާއި ރާއްކާތެރިކަމާ ގުޅޭ އެހީތައް ވެސް އެ ގައުމުން ފޯރުކޮށްދޭނެ އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ފުލުހުންނަށް އިތުރު ވެހިކަލްތައް ވެސް ލިބޭނެ ކަމަށެވެ. އަދި އެއާކު ކުރެވޭ މަސައްކަތްތައް ވެސް އިތުރުވާނެ ކަމަށް ހަމީދު ވިދާޅުވި އެވެ.
ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ސަފީރު ވަނީ ރާއްޖެއަށް ހިލޭ އެހީ ދެވޭތީ އުފާކުރާ ކަމަށް ވިދާޅުވެފަ އެވެ.
މީގެކުރިން ވެސް ޖަޕާނުން ވަނީ އެކި ފަހަރުމަތިން ރާއްޖެއަށް ހިލޭ އެހީ ފޯރުކޮށްދީފަ އެވެ.