ރާއްޖޭގެ ސްކޫލުތަކުގައި ޓީބީ ބަލި ފެތުރޭ ކަމަށް ދެކެވޭ ވާހަކަ އެޑިއުކޭޝަން މިނިސްޓްރީން ދޮގުކޮށްފި އެވެ.
ބައެއް ސްކޫލްތަކުގައި ޓީބީ ބަލި ފެތުރޭ ކަމަށް ބައެއް މިޑީއާތަކުގައި ރިޕޯޓްކޮށްފައިވެ އެވެ. އެ ވާހަކަ ދޮގުކޮށް އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އެއީ އެއްވެސް ހަގީގަތެއް ނެތް ދޮގު ޚަބަރެއް ކަމަށެވެ.
އެފަދަ ޚަބަރު ތަކުގެ ސަބަބުން ބެލެނިވެރިންނާއި ދަރިވަރުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭނެތީ، އެފަދަ ހަގީގަތެއް ނެތް ވާހަކަތައް ނުފެތުރުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެޗްޕީއޭ އާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ސްކޫލުތަކުގެ ދަރިވަރުން ޓީބީ ބައްޔަށް ސްކްރީން ކުރުމުގެ ޕްރޮގްރާމަކީ ދޭތެރެ ދޭތެރެއިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި އަހަރު ވެސް އެ ބައްޔަށް ސްކްރީން ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި މިނިސްޓްރީން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރި ކަމަށެވެ.