ޕްރޮސިކިއުޓަ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރުމުގެ މަސައްކަތް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން ފައްޓަވައިފި އެވެ.

އެ ގްރޫޕުގެ މިއަދުގެ ބައްދަލުވުމެއްގައި، ޝަމީމް މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށަން މެމްބަރަކު ހުށަހެޅުއްވި އެވެ. އެކަމަށް ބައެއް މެމްބަރުން ތާއީދުކުރެއްވިޔަސް މިއަދު މަޝްވަރާއެއް ނުހިނގަ އެވެ.

މަޖިލީހުގައި 65 މެމްބަރުންނާ އެކު ސާފު އަޣުލަބިއްޔަތު އޮތް ޕާލަމެންޓްރީ ގްރޫޕްގެ އިސް އޮފިޝަލަކު ވިދާޅުވީ ޕީޖީ ޝަމީމް ވަކިކުރުމުގެ މަސައްކަތް ފަށަން ހުށަހެޅި ހުށަހެޅުމަށް ބައެއް މެމްބަރުންގެ ތާއީދު ލިބުނު ކަަމަށެވެ. އެކަމަކު އެ މައްސަލަ ހުށަހެޅީ، ޕީޖީ ގްރޫޕްގެ އެހެނިހެން މައްސަލައަށް މިއަދުގެ ބައްދަލުވުމުގައި ފުރުސަތު ހުޅުވާލި ވަގުތު ކަމަށް އޭނާ ވިދާޅުވި އެވެ.

އެ އޮފިޝަލް ވިދާޅުވީ އެ މައްސަލައަކީ އެޖެންޑާކޮށް މަޝްވަރާކުރަންޖެހޭ މައްސަލައެއް ކަމަށް ވާތީ މިއަދު ވޯޓަކަށް ނާހާ ކަމަށެވެ. އަދި ޕީޖީ ގުރޫޕަށް ޝަމީމުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ އެ މަގާމުގެ ޒިންމާ އަދާކުރެއްވުމުގައި އޭނާ މަސްއޫލިއްޔަތު އަދާކުރައްވާ ގޮތާމެދު ބައެއް މެންބަރުންގެ އޮތް ހިތްހަމަނުޖެހުމަކާ ގުޅިގެންނެވެ.

ޕީޖީކަމުން ޝަމީމް ވަކިކުރަން މަޖިލީހަށް ހުށަހެޅޭނީ ޕާލަމެންޓްރީ ގްރޫޕްގެ ފުރިހަމަ ތާއީދު ލިބިގެންނެވެ.

ޝަމީމު އޮފީހުގައި ވަކީލުންނާއި މުވައްޒަފުންގެ މެދުގައި ތަފާތުކުރައްވާކަމަށާއި ވަކި ބަޔަކު ގާތްކުރައްވައިގެން މަސައްކަތްކުރައްވާ ކަމަށް އެ އޮފީހުގެ ގިނަ މުވައްޒަފުން ތުހުމަތުކުރެ އެވެ. އަދި ގާތްކުރައްވައިގެން އުޅުއްވާ މުވައްޒަފުންނަށް ހާއްސަ އިމްތިޔާޒުތަކެއް ދެއްވާ ކަމަށް ވެސް އެ އިދާރާގެ މުވައްޒަފުން ތުހުމަތުކުރެ އެވެ.