ސ. ފޭދޫގައި ރޭ ދަންވަރު ހިންގި މާރާމާރީއެއްގައި 21 އަހަރުގެ ޒުވާނަކު ވަރަށް ބޮޑަށް ޒަހަމްވެ، އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު މަރުވެއްޖެ އެވެ.

އެ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ 21 އަހަރުގެ ޒުވާނާގެ ހަށިގަނޑުގެ ވަރަށް ގިނަ ތަންތަނަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ފޭދޫގައި ރޭ ތޫނު އެއްޗެހި ބޭނުންކޮށްގެން މާރާމާރީ ހިންގާފައި ވަނީ ދެ ގްރޫޕެއްގެ މެދުގަ އެވެ. އަދި އެ މާރާމާރީ ހިންގީ ފޭދޫގެ މަގެއްގެ މަތީގައި ރޭ މެންދަމު 3:00 ޖަހާއެހާކަށް އިރު އެވެ. ފުލުހުން ބުނީ މާރާމާރީގެ ރިޕޯޓް ލިބުނީ މެންދަމު 3:10 އެހާކަަށްހާ އިރު ކަމަށްވެ އެވެ.

އެ މަރާމާރީގައި ޒަހަމްވި ޒުވާނާ މަރުވެފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލްގެ އޮފިޝަލަކު ވެސް ވަނީ "ހުރިހާ"އަށް ކަށަވަރުކޮށްދީފަ އެވެ.

މި މާރާމާރީގެ ކުރިން މިދިޔަ ބުދަ ވިލޭރޭ ވެސް މާރާމާރީއެއް ހިންގައި ޒުވާނަކު ޒަހަމްކޮށްފައިވެ އެވެ. އުމުރުން 19 އަހަރުގެ އެ މީހާގެ ބޮލަށް ލިބުނު ޒަހަމްތަކާ ގުޅިގެން އިތުރު ފަރުވާއަށް ވަނީ މާލެ ގެނެސްފަ އެވެ.

މި މާރާމާރީތަކާ މަސްތުވާތަކެއްޗާ ގުޅުން އޮތް ކަމަށް ފުލުހުން ބުނި ނަމަވެސް މާރާމާރީތަކާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

ފޭދޫގެ ބައެއް މީހުން ބުނެފައިވާ ގޮތުގައި ރަށުތެރޭގައި މިހާރު ވަރަށް ފާޅުގައި މަސްތުވާތަކެތި ބޭނުންކޮށް، އޭގެ ވިޔަފާރިކުރާ މީހުން ގިނަ އެވެ.