އިންޑިއާގެ ފިލްމުތަކަށްދޭ އިންޓަނޭޝަނަލް އިންޑިއަން ފިލްމު އެކެޑަމީ އެވޯޑްސް "އައިފާ އެވޯޑް"ގެ މޮޅު ފިލްމުގ އެވޯޑް "ޝޭރުޝާ" އަށް ލިބިއްޖެ އެވެ.

ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އަބޫ ދާބީގެ ޔޭޝް އައިލެންޑްގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ''އިންޓަނޭޝަނަލް އިންޑިއަން ފިލުމު އެކަޑެމީ'' ނުވަތަ އައިފާގެ މި އަހަރުގެ ހަފުލާގައި ބޮލީވުޑުގެ ގިނަ ފަންނާނުންތަކެއް ވަނީ ބައިވެރިވެފަ އެވެ.

22 ވަނަ އައިފާ އެވޯޑްސްގެ މޮޅު ފިލްމުގެ މަގާމު މިދިޔަ އަހަރު އެމެޒޯން ޕްރައިމް ވީޑިއޯއުން ޕްރިމިއާކުރި ބައޮގްރަފިކަލް ވޯ ފިލްމު "ޝޭރުޝާ" އަށް ވަނީ ލިބިގެން ގޮސްފަ އެވެ. މިފިލުމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ އުފެއްދުމެކެވެ. މިފިލްމު ޑައިރެކްޓް ކޮށްފައިވަނީ ވިޝްނޫވަރުދާން އެވެ.

އަބޫ ދާބީގެ ޔޭޝްގައި ބޭއްވި އައިފާ އެވޯޑްސް 2022ގެ ހަފްލާގެ ތެރެއިން

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހިނގި ކަރްގިލް ހަނގުރާމައިގެ ބަތަލެއް ކަމަށްވާ ވިކްރަމް ބަތުރާގެ ވާހަކަ ކިޔައިދިން ފިލްމުގެ ލީޑް ތަރިންނަކީ ސިދާތު މަލްއުތުރާ އާއި ކިއާރާ އަދުވާނީ އެވެ. އައިފާގައި "ޝޭރުޝާ" އުފުލި އެވޯޑްތަކުގެ ތެރޭގައި މޮޅު ފިލްމުގެ އިތުރުން މޮޅު ޑައިރެކްޓަރާއި މޮޅު ފިރިހެން ލަވަކިޔުންތެރިޔާ (ޖުބީން ނޯޓިޔާލް) އާއި މޮޅު އަންހެން ލަވަކިޔުންތެރިޔާ (އަސީސް ކޯރް) އަދި މޮޅު މިއުޒިކްގެ އެވޯޑް ވަނީ ލިބިގެން ގޮސްފަ އެވެ.

އެންމެ މޮޅު އެކްޓަރަކަށް ހޮވުނު ވިކީ ކޯޝަލް އެވޯޑާއެކު

އެންމެ މޮޅު އެކްޓަރުގެ އެވޯޑު ހާސިލު ކޮށްފައިވަނީ ފިލުމު ''ސަރުދާރް އުދާމް'' އިން ވިކީ ކޯޝަލްއެވެ. އެންމެ މޮޅު ބަތަލާގެ އެވޯޑު ހާސިލު ކޮށްފައިވަނީ ފިލުމު ''މިމީ'' އިން ކްރިތީ ސަނޫން އެވެ.

އެންމެ މޮޅު ބަތަލާގެ އެވޯޑު ހާސިލު ކުރި ކްރިތީ ސަނޫން އަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ އައިޝްވާރިޔާ ރާއީ އެވޯޑް ހަވާލުކޮށްކުރަނީ

އެންމެ މޮޅު ސަޕޯޓިން ފިރިހެން ބައިގެ އެވޯޑު ލިބިފައިވަނީ ފިލުމު ''ލޫޑޯ'' އިން ޕަންކަޖް ތުރިޕާތީއަށެވެ. އެންމެ މޮޅު ސަޕޯޓިން އަންހެން ބައިގެ އެވޯޑު ހާސިލު ކޮށްފައިވަނީ ފިލުމު ''މިމީ'' އިން ސައި ތަމްހާންކަރް އެވެ.

އައިފާ އެވޯޑްސް 2022ގެ ހަފްލާގެ ތެރެއިން

އާ އެކްޓަރުންގެ ތެރެއިން އެންމެ މޮޅު އެކްޓަރަކަށް ހޮވިފައިވަނީ ފިލުމު ''ތަޅަޕް'' އިން އަހާން ޝެޓީއެވެ. އަންހެނަކަސް ހޮވިފައިވަނީ ''ބަންޓީ އޯރް ބަބްލީ 2'' ން ޝަރްވަރީ ވާގް އެވެ.

އެންމެ މޮޅު ވާހަކައިގެ އެވޯޑު ލިބިފައިވަނީ ކަބީރު ޚާން، ސަންޖޭ ޕޫރަން ސިންގް ޗޯހަންއަށް ފިލުމު ''83'' އިންނެވެ.

އައިފާ އެވޯޑްސް 2022ގެ ހަފްލާގެ ތެރެއިން

މި އަހަރުގެ އައިފާ އެވޯޑްގައި ވެސް މަޝްހޫރު ބައެއް ތަރިންގެ ފޯރިގަދަ ސްޓޭޖް ޕަފޯމަންސްތައް ފެނިގެން ދިޔަ އެވެ. އޭގެ ތެރޭގައި ވަރުން ދަވަނާއި ޓައިގާ ޝްރޮފާއި ސާރާ އަލީ ޚާނާއި ޝާހިދު ކަޕޫރާއި ނޯރާ ފަތޭ އާއި އަނަންޔާ ޕާންޑޭ ފަދަ ތަރިން ހިމެނެ އެވެ.

މިފަހަރުގެ އައިފާ ހޯސްޓްކުރީ ސަލްމާން ޚާނާއި ރިތޭޝް ދޭޝްމުކްގެ އިތުރުން މަނީޝް ޕޯލެވެ.