ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންނަށް ނޭނގި ޕާޓީ ބަދަލު ކުރުމާއި، ޕާޓީތަކަށް ނިސްބަތްނުވާ އެފަދަ ޝައުގުވެރިކަމެއް ނެތް މީހުން ޕާޓީތަކަށް މީހުން ވައްދާ މައްސަލަގައި ހުރި ކަންބޮޑުވުންތައް ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މިމައްސަލަ ހުށައެޅުއްވީ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު އެވެ. މެމްބަރު މޯޑު މިމައްސަލަ ހުށައެޅުއްވި އިރު އޭނާގެ މަންމަ އާއި ބައްޕަވެސް ވަނީ ނޭނގި އަދާލަތު ޕާޓީއަށް ވައްދާފަ އެވެ. އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޒިޔާދުވެސް ވަނީ އެމްއެންޕީއަށް ވައްދާފަ އެވެ.

އެމްޑީޕީން ހުށައެޅު މިމައްސަލަ މިއަދު ތަޅުމުގައި ބަހުސްކުރަން ބަލައިގެންފައިވާއިރު އިދިކޮޅުން ހަމަ މިކަމާގުޅިގެން މިދިޔަ ހަފްތާގައި ހުށައެޅު މައްސަލަ އެމްޑީޕީން ވަނީ ބޭރުކޮށްލާފަ އެވެ.

މޯޑުގެ މައްސަލައިގައި ބުނެފައިވަނީ މިފަދަ ޝަކުވާތައް ބެލުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަމުންދާ އުސޫލުގެ ސަބަބުން އިތުރު މައްސަލަތައް ކުރިމަތިވަމުންދާ ކަމަށެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ސިޔާސީ ޕާޓީ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވުމާއި އާންމު ރައްޔިތުންނަށް އިތުރު އުދަނގޫތައް ކުރިމަތިވަމުންދާ ކަމަށްވެސް މައްސަލައިގައިވެ އެވެ.

މިއަދު ހުށަހެޅުނު މައްސަލާގައި މެމްބަރު ޒިޔާދުވެސް ވަނީ އޭނާއަށް އެމްއެންޕީއަށް ވެއްދާފައިވާ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދައްކަވާފަ އެވެ. ޒިޔާދު ވިދާޅުވީ އޭނާ އެމްއެންޕީއަށް ވައްދާފައިވަނީ ޕާޓީތަކަށް ވެއްދުމަށް ފުރަންޖެހޭ ފޯމުގައި ފުރިހަމަ ކުރަންޖެހޭ ހުރިހާ ބައެއް ފުރައި ބޮޑު އޮޅުވާލުމެއްގެ ތެރެއިންކަމަށެވެ.

މިމައްސަލާގައި ވާހަކަ ދެއްކެވި ގިނަ މެމްބަރުން ވަނީ، ޕާޓީ ތަކުގެ ޒިއްމާތަކުގެ އިތުރުން އިލެކްޝަން ކޮމިޝަނުންވެސް އަދާކުރަންޖެހޭ ޒިންމާ އަދާކުރުމުގައި މިކަމުގައި ބޮޑުކަން ފާހަގަ ކުރައްވާފަ އެވެ.