މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް މަގާމުން ޝަހުބާން ފަހުމީ އިސްތިއުފާ ދެއްވައިފި އެވެ.

އެމްއެމްސީގެ ރައީސް ކަމުގެ މަގާމުން ޝަހުބާން އިސްތިއުފާ ދެއްވާފައިމިވަނީ އޭނާގެ ބޭބެ އަދި ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އިސްވެ ހުންނަވައި، ކިންގްސް ފޮރެކްސް ޓްރޭޑިން ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ހަދައި އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދުމާއި އެ ފައިސާ ލޯންޑާކުރާ ކަމުގެ ތުހުމަތު ކުރެވޭ މައްސަލައިގައި ޝަހުބާންގެ މައްޗަށް މަނީ ލޯންޑަރިންގެ މައްސަލައެއް ބަލަމުން ދަނިކޮށެވެ.

އެމްއެމްސީގެ ރައީސްގެ މަގާމުން ޝަހުބާން ދުރުކުރުމަށްޓަކައި އޭނާގެ އިތުބާރު ނެތްކަމަށް ނެގި ދެ ވޯޓުން ޝަހުބާންވަނީ ސަލާމަތްވެ ވަޑައިގެންފައެވެ. ހަމައެއާއެކު މީޑިއާ ކައުންސިލްގެ ބައެއް މެންބަރުން ގެންދެވީ ކައުންސިލްގެ ބައްދަލުވުންތައް ބޮއިކޮޓް ކުރަށްވަމުންނެވެ.

މިކަމާއި ގުޅިގެން ޝަހުބާން ވިދާޅުވީ އޭނާ އެމަގާމުން އިސްތިއުފާ ދެއްވީ އެމަގާމަށް ބަޔަކު ދަހިވެތި ތިބުމާއި ކައުންސިލްގެ ޖަލްސާތައް ބޭއްވޭނެ މާހައުލެއް ނެތުމާއި ނޫސްވެރިންގެ އެވޯޑުގެ މަސައްކަތް ވެސް ކުރިއަށް ނުގެންދެވުމުގެ ބިރު އޮތުމުން ކަމަށެވެ.

ނަމަވެސް، ޝަހުބާން ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދޮގު ކުރައްވައި، އެ ތުހުމަތުތަކަކީ ސިޔާސީ ބޭނުންތަކެއްގައި ކުރެވޭ ތުހުމަތުތަކެއް ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކޮށްފައިވާ ތުހުމަތުތަކުގެ ސަބަބުން، އޭނާ އަށް މަގުމަތިން ދިމާކޮށް، ނުރައްކަލާ ކުރިމަތިލާން ޖެހިފައިވެއެވެ.

ޝަހުބާންގެ މައްސަލަ ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވެސް ވަނީ ހުށަހަޅައިފަ އެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެން، އެމްއެމްސީގެ މެންބަރުން ޖަލްސާތައް ބޯއިކޮޓް ކޮށްފައިވެސް ވެ އެވެ