ބޮލިވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާނާއި އޭނާގެ ބައްޕަ ސަލީމް ޚާނަށް މަރުގެ އިންޒާރުދިނުމުން ސެކިއުރިޓީ އިތުރަށް ވަރުގަދަ ކޮށްފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިހާރު ސަލްމާން ޚާން ޝޫޓް ކުރަމުން އަންނަ ފިލްމަށް ވެސް އޭނާ ދަނީ ވަރުގަދަ ސެކުރިޓީއަކާއެކު އެވެ. މިހާރު ސަލްމާން ޚާން ދަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ކަބީ އީދް ކަބީ ދިވާލީ" ގެ ޝޫޓިން ކުރަމުންނެވެ. މިފިލްމުގެ ޝޫޓިން ކުރިއަށްދަނީ ހައިދަރްއާބާދުގަ އެވެ.

މިދިޔަ މަހު ބަޑީގެ ހަމަލާ ދީގެން ޕަންޖާބުގެ ލަވަކިޔުންތެރިއާ ސިއްދޫ މޫސް ވާލާ މަރާލުމާ ގުޅިގެން ސަލްމާން އޭނާގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވަނިކޮށް ސަލްމާން އަށާއި އޭނާގެ ބައްޕައަށް މަރުގެ އިންޒާރު ދީފައިވަނީ ސިޓީއަކުންނެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގް ކުރަމުންނެވެ. އެ މައްސަލައާ ގުޅިގެން އެ ސަރަހައްދުގެ ސީސީޓީވީ ފޫޓޭޖްތައް ވެސް ފުލުހުން ވަނީ ބަލާފަ އެވެ.

އެކަމާ ގުޅިގެން ސަލްމާންގެ ސެކިއުރިޓީ ވަރުގަދަކޮށް އެގޭގެ ދޮށުގައި ފުލުހުން ދަނީ ފޯރިމަރަމުންނެވެ.

މަރުގެ އިންޒާރު ދީ ފޮނުވި ސިޓީއަކީ މީގެ ކުރިން ވެސް ތަކުރާރުކޮށް ސަލްމާނަށް މަރުގެ އިންޒާރު ދީފައިވާ ލޯރެންސް ބިޝޯގީ ގޭންގްގެ ސިޓީއެކެވެ. އެ ގޭންގުން ވަނީ 2008 ވަނަ އަހަރުވެސް ސަލްމާން ޚާންއަށް އިންޒާރު ދީފަ އެވެ.