މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ހުޅުމާލޭ ޕޯޓް ސަރަހައްދުގެ ތެރޭގައި ކެނޑި ކޮންޓެއިނަރަކުން ބޮޑު ހަރުފައެއް ފެނިއްޖެ އެވެ.

ސޯޝަލް މީޑިއާގައި އެ ހަރުފަ ފެންނަ ވީޑިއޯއެއް އާންމުވެފައިވާއިރު، އެ ވީޑިއޯގައި ފެންނަ އެ ހަރުފައިގައި ގާތްގަނޑަކަށް ފަސް ފޫޓު ހުންނާނެ ކަމަށް ލަފާކުރެވެ އެވެ. އަދި ހަރުފަ ހިފަން މީހުން މަސައްކަތްކުރާ ތަން ފެނެ އެވެ.

އެ ހަރުފައަކީ ލަކުޑި ކޮންޓެއިނަރެއްގެ ތެރެއިން ފެނުނު ހަރުފައެއް ކަމަށް އެމްޕީއެލްގެ މީޑިއާ އޮފިޝަލަކު ވަނީ ބުނެފަ އެވެ. އަދި ހަރުފަ ހިފައި މިހާރު ވަނީ އެމްއެންޑީއެފާ ހަވާލުކޮށްފައި ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ލަކުޑިތަކުގެ ތެރެއިން ރާއްޖެ އެތެރެވި ކަމަށް ބުނާ އެ ހަރުފައަކީ ކޮން ވައްތަރެއްގެ ހަރުފައެއް ކަމެއް މިހާތަނަށް ހާމަވެފައެއް ނުވެ އެވެ.

ހަމައެހެންމެ އެއީ ވިހަ ގަދަ ހަރުފައެއް ކަމެއް، ނުވަތަ ގެއްލުން ނުދޭ ބާވަރުގެ ހަރުފައެއް ނޫން ކަމެއްވެސް އެނގިފައެއް ނުވެ އެވެ.

އެކި ބާވަތުގެ ވިހަ ގަދަ ހަރުފަތައް ލަކުޑި ކޮންޓެއިނަރުތަކުގައި މީގެ ކުރިން ވެސް ރާއްޖެ އެތެރެވެފައިވެ އެވެ.