ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާނަށް މަރުގެ އިންޒާރު ދިން މައްސަލާގައި ސިދާތު މޫސް ވާލާ މަރާލި މައްސަލާގައި ހައްޔަރުކޮށްފައިވާ ސިއްދެޝް ކަމްބްލޭއާ މުމްބާއި ފުލުހުން ސުވާލުކޮށްފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މުމްބާއީގެ ކްރައިމް ބްރާންޗްގެ ޓީމަކުން، އެކްޓަރު ސަލްމާން ޚާނާއި އޭނާގެ ބައްޕައަށް އިންޒާރު ދިން ސިޓީއެއްގެ ތަހުގީގުކުރުމަށްޓަކައި ޕޫނޭ ސިޓީއަށް ގޮސްފައިވާ ކަމަށެވެ. އަދި މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ކޮންގްރެސްގެ ލީޑަރު ސިދޫ މަރާލި މައްސަލައިގައި ހައްޔަރުކުރި ސިދާޝް ހިރާމާން ކަމްބްލޭ މުމްބާއީ ފުލުހުން ސުވާލުކޮށްފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

މިދިޔަ އާދިއްތަ ދުވަހު މުމްބާއީގެ ބަންދްރާ ސަރަހައްދުގައި ހުރި ބެންޗެއްގައި އިންޒާރުދޭ ސިޓީ ބެހެއްޓީ ކާކުތޯ ވެސް ފުލުހުން ކަމްބްލޭއާ ސުވާލުކޮށްފައިވާ ކަމަށް ވެސް މުމްބާއީ ފުލުހުނާ ހަވާލާދީ ރިޕޯޓްތައް ބުނެ އެވެ.

ސަލްމާން ޚާނަށް އިންޒާރު ދިން ސިޓީއަކީ ބިޝްނޯއީ ގޭންގުގެ މެންބަރުން ބަހައްޓާފައިވާ ސިޓީއެއްތޯ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާން އާއި އޭނާގެ ބައްޕަ ސަލީމް ޚާން

މިދިޔަ އާދިއްތަ ދުވަހު ސަލްމާން ޚާންގެ ބައްޕަ އަދި މަޝްހޫރު ސްކްރީންޕްލޭ ލިޔުންތެރިޔާ ސަލީމް ޚާން ހެނދުނު ހިނގާލުމަކަށް ފަހު ބަންދްރާ ބޭންޑްސްޓޭންޑްގެ ބެންޗެއްގައި އިށީނދެގެން އިންއިރު، ނޭނގޭ މީހަކު އެތަނުގައި ބަހައްޓާފައި ވަނީ އޭނާ އާއި އޭނާގެ އެކްޓަރު ދަރިފުޅު މަރާލާނެ ކަމުގެ އިންޒާރު ލިޔެފައިވާ ސިޓީއެކެވެ.

ފަހުން އޭނާގެ ސެކިއުރިޓީ މުވައްޒަފުންގެ އެހީތެރިކަމާއެކު ސަލީމް ޚާން ފުލުހުންނާ ގުޅައިގެން ބަންދްރާ ޕޮލިސް ސްޓޭޝަންގައި އެފްއައިއާރު ރަޖިސްޓްރީ ކުރި އެވެ. އޭގެ ފަހުން ފުލުހުން ވަނީ ސަލީމް ހާން އާއި ސަލްމާން ޚާންގެ ބަޔާންތައް ރެކޯޑްކޮށްފަ އެވެ.

މިދިޔަ މަހު ޕަންޖާބުގައި ލަވަކިޔުންތެރިޔާ މޫސެވާލާ މަރާލި މައްސަލައާ ގުޅިގެން ފުލުހުން ކަމްބްލޭ ހައްޔަރުކޮށްފައިވާއިރު، އެ ޖަރީމާގައި ބަޑިޖަހާފައިވާ މީހެއްގެ ގޮތުގައި ޝައްކުކުރެވޭ އިތުރު މީހަކާއި އޭނާގެ ގާތް އެކުވެރިޔާ ސަންތޯޝް ޖާދަވް ވެސް ވަނީ މަހާރާޝްތުރާގެ ޕޫނޭއަށް ނިސްބަތްވާ ކަމަށް އޮފިޝަލުން ބުނެފަ އެވެ.