ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ބުންޏަސް ސޯޝަލް މީޑިއާ މިވަނީ އަހަރެމެންގެ ދިރުއުޅުމުގެ މުހިއްމު ބަޔަކަށް ވެފަ އެވެ. މިއަދު އަހަރެމެންނަށް އެއާ ނުލާ އުޅެވޭކަށް ވެސް ނެތެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް އެތައް ބަޔަކު ރަނގަޅުގޮތުގައި މަޝްހޫރުކަން ހޯދާފައި ވެސް އެބަހުއްޓެވެ. އޭގެ ތެރެއިން ވެސް ތަފާތު އެކި ސަބަބުތަކާހެދި ރެއަކާ ދުވާލުން މުޅި ދުނިޔޭގެ ސަމާލުކަމަށް އައި މީހުން ވެސް ތިއްބެވެ. މި ބަލާލަނީ އޭގެ ތެރެއިން ބައެއް މީހުންނަށެވެ.

އަރްޝަދް ޚާން: ޗާއިވާލާ

ޗާއިވާލާގެ މަޝްހޫރުވެގެންދިޔަ ފޮޓޯ

ފޮޓޯގްރާފަރެއް ކަމަށްވާ ޖިއާ ހާން ނެގި ޕާކިސްތާނުގެ ސައި ވިއްކާ މީހެއްގެ ފޮޓޯ އިންސްޓަގްރާމަށް ދޫކޮށްލުމާއެކު މުޅި ސޯޝަލް މީޑިއާ އުތުރި އަރައިގަތެވެ. އޭރު އުމުރުން 18 އަހަރުގެ އަރްޝަދް ހާންގެ ނޫލޮލުގެ ޖަޒުބާތުގައި ނުޖެހޭ މީހަކު ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ޝޯޝަލް މީޑިއާއިން ލިބުނު މަޝްހޫރުކަމާއެކު އަރްޝަދް ހާންއަށް ވަނީ މޮޑެލިން ކޮންޓްރެކްޓްތައް ވެސް ލިބިފަ އެވެ. އަދި ވީޑިއޯ ލަވައަކުން ވެސް އޭނާ ފެނިގެން ގޮސްފައިވެ އެވެ.

ޕޫޖާ ޖެއިން: ދިންކްޗަކް ޕޫޖާ

ދިންކްޗަކް ޕޫޖާ

ދިންކްޗަކް ޕޫޖާ މަޝްހޫރުކަން ހޯދީ އޭނާ ކިޔާފައިހުރި ލަވަތައް ޔޫޓިއުބަށް ލައިގެންނެވެ. "ސެލްފީ މޭނޭ ލޭލި އާޖް" ،"ސްވެގް ވާލީ ޓޯޕީ" ފަދަ ލަވަތައް ރިލީޒްކޮށްފައިވާ އޮރު މި ލަވަތަކަކީ ރާގުންކުރެ ރާގަކަށް ފެތޭ ވެސް ލަވަތަކެއް ނޫނެވެ. އެހެން ނަމަވެސް ލިބުނު މަޝްހޫޜުކަމާއެކު ފަހުން އޭނާ ވަނީ ރިއަލިޓީ ޝޯ ބިގްބޮސްގައި ވެސް ބައިވެރިވެފަ އެވެ.

ޑރ. މައިލް ވަރްޝަވްސްކީ (ޑރ. މައިކް)

ޑރ. މައިކް

ޑރ. މައިކް މަޝްހޫރުވީ ބަޒްފީޑާއި ޕީޕަލްސް މެގަޒިން ފަދަ މަޖައްލާ ތަކުގައި ދުނިޔޭގައި ހުރި އެންމެ ރީތި ޑޮކްޓަރުކަމުގެ ލަގަބު ދިނުމާއެކީގަ އެވެ. މިޙާރު އޭނާގެ ޔޫޓިއުބް ޗެނަލުގައި ހަތަރު މިލިއަނަށްވުރެ ގިނަ ފޮލޯވަރުން އެބަތިއްބެވެ.

ކުސުމް ޝްރެސްތާ (ނޭޕާލީ ތަރްކާރީވާލީ)

ނޭފާލްގައި ތަރުކާރީވިއްކާ ކުއްޖާ

ނޭޕާލަށް ނިސްބަތްވާ މި ތަރުކާރީ ވިއްކާ ކުއްޖާ ވެސް ވަނީ ސޯޝަލް މީޑިއާގެ ސަމާލުކަމަށް އައިސްފަ އެވެ. އެއާއެކު އެހާ ރީތި ކުއްޖަކު ތަރުކާރީ ވިއްކަން އުޅެނީ ކީއްވެތޯ ސޯޝަލް މީޑިއާގައި މީހުން ސުވާލު އުފައްދާފައިވެ އެވެ.

ޕްރިޔާ ޕްރަކާޝް

ފިލްމުގެ މަންޒަރެއްގައި ޕްރިޔާ ޕްރަކާޝް

30 ވަރަކަށް ސިކުންތަށް ދެމިގެންދިޔަ ފިލްމެއްގެ އިސްތިހާރުން ފެނިގެންދިޔަ އިންޑިޔާގެ ދެކުނު ކެރެލާއަށް ނިސްބަތްވާ މި އަންހެން ކުއްޖާ މަޝްހޫރުވެގެން ދިޔައީ އާނޭގެ އެއްލޯ މަރާލުމުގެ ހުނަރުންނެވެ. މި ލޮލުގެ ޖާދޫގައި ނުޖެހޭ އެކަކުވެސް ނެތޭ ބުނެވިދާނެ އެވެ.