ރިޔާސީ އިންތިހާބަށް ނުކުންނަވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިގެން ހުންނެވި ނަމަވެސް ޕާޓީތަކާއެކު އެ މަޝްވަރާ ނުކުރައްވައި އިއުލާންކުރެއްވުމުން، އެ މަނިކުފާނުގެ ކެންޑިޑެސީ ކުރިއަށް ގެންދިއުމުގެ ހުރިހާ ބާރެއް މިހާރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ލިބިވަޑައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ މެމްބަރުން ތިއްބަވާ ގްރޫޕަަކަށް އެ ޕާޓީގެ ރައީސް، ނަޝީދު ފޮނުއްވި މެސެޖެއްގައި މިގޮތަށް ވިދާޅުވީ ދެ ވަނަ ދައުރަކަށް ވާދަކުރައްވާނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއުލާން ކުރެއްވުމަށް ފަހު، ގާސިމާ ބައްދަލު ކުރެއްވުމުންނެވެ.

ނުރަސްމީ އަދި ކުއްލި ދަތުރުފުޅެއްގައި ރައީސް ސޯލިހް އިއްޔެ ވަނީ އދ. މާމިގިއްޔަށް ވަޑައިގެންފަ އެވެ. މި ދަތުރުގެ މައުލޫމާތު ކުރީން އާންމު ނުކުރި ނަމަވެސް މާމިގިއްޔަށް ރައީސް ވަޑައިގަތުމުން، ގާސިމްގެ އަމިއްލަފުޅު ހަރަދުގައި އެ ރަށުގައި ތަރައްގީކޮށް އެމަނިކުފާނުގެ ވިލާ އެއާއިން އޮޕަރޭޓް ކުރަމުންދާ މާމިގިލި އިންޓަނޭޝަނަލް އެއާޕޯޓުން ރައީސަށް ވަނީ ރަތް ދޫލައިގެ މަރުހަބާއެއް ކިޔާފަ އެވެ.

މަރުހަބާ ދެންނެވުމަށް ވަޑައިގެން އިސްކޮށް ހުންނެވީވެސް ގާސިމެވެ. މާމިގިލީގެ ވަރަށް ގިނަ ބަޔަކުވެސް ރައީސަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓަށް ވަޑައިގެންފައިވެ އެވެ. ރައީސަށް މަރުހަބާ ދެންނެވުމަށް ގާސިމްގެ އަރިހުގައި ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުން ތިއްބެވި އެވެ. އޭގެ ތެރޭގައި ގާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރު އަދި ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހުމަދާއި ޖޭޕީގެ ރަޖިސްޓްރާ އަދި ކެލާ ދާއިރާގެ ކުރީގެ މެންބަރު އަލީ އާރިފް އާއި ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކާއި ކުރީގެ ހޯމް މިނިސްޓަރު އަހުމަދު އަޒްލީން ހިމެނިވަޑައިގަންނަވައެވެ.

ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެ ވަނަ ދައުރަކަށް ކެންޑިޑެސީ އިއުލާން ކުރެއްވީ ސަރުކާރު ކޯލިޝަންގައި މިހާރު ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ވެސް އެކުގައި ތިއްބަވާނެ ކަމަށް ނިންމަވައިގެން ކަމަށެވެ. ކުއްލިއަކަށް ގާސިމްއާ ބައްދަލުކުރެއްވުމުގެ މާނައަކީ، ނަޝީދު ވިދާޅުވި ގޮތުގައި، ޕާޓީތަކާ އެކު ގޮތެއް ނުނިންމަވައި އިއުލާން ކުރެއްވުން ކަމަށް ނަޝީދު ދެކެވަޑައިގަންނަވަ އެވެ.

މި ފެނުނީ ޖޭޕީއާ ވެސް އަދި އަދާލަތު ޕާޓީއާ ވެސް އެމްޑީޕީން މަޝްވަރާކޮށްފައި ނުވާކަން. ރައީސްގެ ކެންޑިޑެސީ އިއުލާން ކުރެއްވުމާ އެކު ފުރާވަޑައިގަތުމަށް ޖެހިވަޑައިގަތީ މާމިގިއްޔަށް،" ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީން ވެސް އަދި ގޮތެއް ނިންމި ތަނެއް ނުފެނެ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ މެދު ގާސިމް އަދި ގޮތެއް ނުނިންމަވަ އެވެ. އޭނާ މިދިޔަ ބުރާސްފަތިދުވަހު ވިދާޅުވީ ވާދަކުރައްވަން އަދި ނުކުރައްވަން ވެސް އެހާތަނަށް ނުނިންމަވާ ކަމަށެވެ. އެމްޑީޕީގެ ބައެއް މެމްބަރުން ތުހުމަތު ކުރާ ގޮތުގައި، ރައީސްގެ މާމިގިލީ ދަތުރުގެ ބޭނުންފުޅަކީ، ގާސިމްއާ އެކު ރިޔާސީ އިންތިހާބުގެ މަޝްވަރާ ކުރެއްވުމެވެ.

އެ މަނިކުފާނުގެ ނައިބު ރައީސްކަން ވެސް ގާސިމަށް ހުށަހަޅުއްވަފާނެ ކަމުގެ ތުހުމަތު ދަނީ ކުރަމުންނެވެ. އެކަމަކު އެ ތުހުމަތަކީ، ރައީސްގެ އަރިސް އެއްވެސް ބޭފުޅަކު ވެސް މިހާތަނަށް ސައްހަކަން ކަށަވަރުކޮށްދީފައި އޮތް ވާހަކައެއް ނޫނެވެ.

މާމިގިލީގައި ރައީސް، ގާސިމްއާ ބައްދަލުކުރައްވަނީ: އެމަނިކުފާނާ އެކު އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަޑައިގަތް."މިހާރު ރައީސްގެ ކެންޑިޑެސީގެ އުއްމީދު އެއްގޮތަކަށް ވެސް ކުރިއަށް ގެންދެވޭނީ ޖޭޕީ ނިންމާ ގޮތެއްގެ މައްޗަށް. އަޅުގަނޑު ދެކޭ ގޮތުގައި 2023 ގެ ރިޔާސީ ކެންޑިޑޭޓް އެމްޑީޕީން އަދި ނުނިންމާ. އެހެން ނަމަވެސް ކެންޑިޑެސީގެ އުއްމީދުގައި ހުރިހާ ބޭފުޅުންނަށް ވެސް މަސައްކަތް ކުރެއްވޭނެ،" އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާ ނަޝީދު ވިދާޅުވި އެވެ.

"ރައީސުލް ޖުމްހޫރިއްޔާ ނޫން ކެންޑިޑޭޓުން ވެސް ނުކުންނަވާ."

ޖުމްހޫރީ ޕާޓީން ވަނީ ރައީސް ސޯލިހާ ގާސިމް އިބްރާހިމް ރޭ ސަން އައިލެންޑްގައި ކުރިއަށް ގެންދެވި ބައްދަލްވުމުގެ ފޮޓޯތައް އާންމު ކުރައްވާފައެވެ. ނަމަވެސް ބައްދަލްވުމުގެ އެއްވެސް ތަފްސީލެއް ނުދެއްވައެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި ރައީސްގެ އަރިހުގައި ވަޑައިގެން ވަފުދުގެ ބޭފުޅުންނާއެކު ގާސިމް އިބްރާހިމް ބައްދަލުކުރައްވާ މަޝްވަރާ ކުރައްވަނިކޮށް ފެނެއެވެ. ސަރުކާރުންވެސް އަދި އެމްޑީޕީންވެސް ރައީސްގެ މި ދަތުރުފުޅާ ގުޅޭ ތަފްސީލެއް ނުދެ އެވެ.

ދެ ވަނަ ދައުރަކަށް ކެންޑިޑެސީ ރައީސް އިއުލާން ކުރެއްވި އިރު، ސިޔާސީ ހަޔާތްޕުޅުގައި ވެސް އެންމެ ގާތް އެކުވެރިޔާ، ނަޝީދާ އެކު އެކި ކަންކަމުގައި ވަނީ ވަރަށް ބޮޑެތި ހިޔާލުތަފާތުވުން އުފެދިފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ދެ ވަނަ ދައުރަކަށް އެމަނިކުފާނު ވާދަކުރައްވަނީ، އެމްޑީޕީއަށް ވެރިކަން ލިބެން އޮތީ އެ މަގުން ކަމަށް ވާތީ އެވެ. އެމްޑީޕީން ވެސް އެކަނި ވާދަކޮށްގެން އިންތިހާބު ކާމިޔާބު ކުރެވޭނެ ގޮތެއް އަދި ނެތް ކަމަށާއި އެހެންކަމުން ޕާޓީ އާއި ގައުމަށް ވެސް ފައިދާ އޮތީ އެމަނިކުފާނު ނުކުންނަވައިގެން ކަމަށް މިދިޔަ ބުދަ ދުވަހު ވިދާޅުވި އެވެ.

"އެމްޑީޕީ އަށް ވެރިކަން ބޭނުން ކަމަށް ވާ ނަމަ އަޅުގަނޑު މިހިރީ ޗޮއިސްއަކަށް" ރައީސް ވަރަށް ތިލަކޮށް ވިދާޅުވެފައިވެ އެވެ.