މުޅި ރާއްޖެ ގުޅާލުމަށްޓަކައި ތައާރަފްކޮށްފައުވާ ހައިސްޕީޑް ފެރީ ނިޒާމަކީ ލާމަރުކަޒީ ތަރައްގީގެ މައި ބަދަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ރާއްޖެ ހައިސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން ތައާރަފުކޮށްފައިވާ "ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގެ ހިދުމަތް ރަސްމީކޮށް ފެށުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި އެވެ.
ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ރާއްޖޭގެ ޖަޒީރާ ރަށްތައް އެއްރަށުން އަނެއް ރަށަށް ގުޅާލައި، އިގްތިސާދީގޮތުން އެކަހެރިވެފައި އޮތްއޮތުން ނިމުމަކަށް ގެނައުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ.
ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލައި، މިފެށިގެންދިޔަ ހައިސްޕީޑު ފެރީގެ ނިޒާމަކީ ސަރުކާރުން އަމާޒު ހިފާފައިވާ ލާމަރުކަޒީ ނިޒާމަށް ވާސިލްވުމަށްޓަކައި އެންމެމުހިންމު ދައުރެއް އަދާކުރާނެ ނިޒާމުކަމަށް ރައީސް ވިދާޅުވި އެވެ.
"މި ޖަޒީރާތަކުގެ އެއްރަށް އަނެއް ރަށާ ގުޅި، އިޖްތިމާއީ އަދި އިގްތިސާދީ އެކަހެރިކަން ފިލައި، ހުރިހާ ރަށެއްގެ އިޤްތިޞާދު، ގައުމީ އިގްތިސާދާ ލާމެހި ތަނަވަސްވާނީ މި ފެށި ރާއްޖެ ޓްރާސްޕޯޓް ލިންކް ނެޓްވޯކް ނިޒާމުން. މިއީ އަޅުގަނޑުމެން އެދޭ ލާމަރުކަޒީ ތަރައްގީގެ މައިބަދަ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
އާރުޓީއެލްގެ ޚިދުމަތުގައި އެމްޓީސީސީން ބޭނުންކުރަނީ 50 މީހުންގެ ޖާގައިގެ ފެރީތަކެކެވެ. މި ފެރީތަކަކީ މިހާރު ބޭނުންކުރާ ފެރީތަކަށްވުރެ ހިތްގައިމު ފެރީތަކެކެވެ. އެގޮތުން މި ސްޕީޑް ފެރީތަކަކީ ދަތުރުވެރިންނަށް ހިތްފަސޭހަކަމާއެކު ދަތުރުކުރެވޭނެގޮތަށް އެއާކޯން ކޮށްފައިވާ ފެރީތަކެކެވެ. ފެރީގައި ފާޚާނާކުރެވެން ހުންނާނެ އެވެ. އަދި ލަގެޖް ބެހެއްޓުމަށް ވެސް ޖާގަ ހާއްސަކުރެވިފައިވެ އެވެ. މިއިން ކޮންމެ ފެރީއެއްގައި ފުރޮޅުލީ ގޮނޑިއާއި ސްޓްރެޗާ ބެހެއްޓުމަށް ވަކިތަނެއް ހާއްސަކުރެވިފައިވެ އެވެ.
މިފެރީތަކުން ހިދުމަތް ހޯދާ ކޮންމެ ދަތުރުވެރިއަކަށް ވެސް އެއް ލަގެޖްގެ އިތުރުން ކެރީއޮން ލަގެޖެއް ގެންދެވޭނެ އެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ހިދުމަތް ޓިކެޓް ނަގައިގެން ކުރުމަށް ރަސްމީކޮށް ފެށިނަމަވެސް، ތިން އަހަރުން ދަށުގެ ކުޑަކުދިންނަށާއި، އެންސްޕާގައި ރަޖިސްޓްރީވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެ އެވެ.