ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މަގާމުން ވަކިކުރެއްވުމުގެ މައްސަލަ އެޖެންޑާކުރަން ޕާލަމެންޓްރީ ގްރޫޕަށް ހުށައަޅަން މަސައްކަތް ފަށައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއް ރޭ ބާއްވަން ނިންމި ނަމަވެސް އެ ބައްދަލުވުން ކުރިއަށް ނުގެންދެވުމުން ޕީޖީއާ ގުޅޭ މައްސަލަ ވެސް ކުރިއަށް ނުދިޔައީ އެވެ. ޕީޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ޖެހޭ ކަމަށް ގަބޫލުކުރައްވައި ބައެއް މެމްބަރުން ވިދާޅުވަނީ ޑްރަގުގެ ބޮޑުން ދޫވާ މައްސަލަތަކާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތައް ނުބެލުމެވެ.

އެންމެ ފަހުން، ބޭއްވި ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި އެހެނިހެން މައްސަލަތަކުގެ ތެރޭގައި އެ މައްސަލަ ހިމެނުއްވުމުން، ޕީޖީ ލީޑަރު، ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އެޖެންޑާ ނުކުރެއްވީ ކަމަށް މައުލޫމާތު ލިބެ އެވެ. ސީދާ އެ މައްސަލަ އެޖެންޑާކުރުމުން މެމްބަރުންގެ މެދުގައި ވާހަކަދެކެވި ގޮތެއް ނިންމަވާނެ ކަމަށް އަސްލަމް އެ ދުވަހު ވިދާޅުވެފައި ވަނިކޮށް މިހާރު އަނެއްކާވެސް އެ މައްސަލަ އަލުން ވަނީ ހުށަހަޅާފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕީޖީގެ އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން ވިދާޅުވީ އެފަދަ ކަމެއް އުޅޭ ކަމެއް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.