ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ (ކިޑީ) އާއި ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝާން އާއެކު ކިޔާފައިވާ ލަވައަށް ހަތަރު ދުވަސް ތެރޭގައި 1.2 މިލިއަން ވިއުސް ލިބިއްޖެ އެވެ.
މިމަހުގެ 10 ވަނަ ދުވަހު ރިލީޒްކުރި އުނޫޝާ އާއި ޝާންގެ "ދިލް އުޅެޔާ" އަށް ވަނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފަ އެވެ. އެގޮތުން ލަވަ ނެރުނުތާ ހަތަރު ދުވަސް ވެފައިވާއިރު 1.2 މިލިއަނަށްވުރެ ގިނަ މީހުން ވަނީ މިލަވަ ބަލައި، 4،000 އަށް ވުރެ ގިނަ މީހުން ވަނީ ލައިކް ކޮށްފަ އެވެ.
ލަވައިގެ މިއުޒިކް ހަދާފައިވަނީ ގަނޭޝް ސުރްވޭ އަދި ރާއްޖޭގެ މަޝްޙޫރު މިއުޒިކް ޕްރޮޑިއުސަރު ބާޗީއެވެ. ހިންދީ، ޕަންޖާބު އަދި ދިވެހި ބަސް ހިމަނައިގެން ތައްޔާރުކޮށްފައިވާ މި ލަވަ ކޮމްޕޯސްކޮށްފައި ވަނީ ވެސް ޝާން އެވެ.
ދެ ފަންނާނުންވެސް މައިގަނޑުކޮށް ހިންދީ ބަހުން ލަވަކިޔާ އިރު، އުނޫޝާއާއި ޝާން ވެސް ވަނީ ދިވެހި ބަހުން ލަވައިގައި ރެޕްކޮށްފަ އެވެ.
މިލަވަ ޝޫޓުކޮށްފައިވަނީ ރާއްޖޭގެ ހިތްގައިމު މާހައުލުގައި "ބީޗު ވައިބް" ފެންނަ ގޮތަށެވެ. މިލަވަ އެއްކޮށް ޝޫޓުކޮށްފައި ވަނީ ކްރޮސްރޯޑްގަ އެވެ.
ގިނަ ބަޔަކު އަންނަނީ މި ލަވަ ސޯޝަލް މީޑިއާގައި ޝެއާ ކުރަމުންނެވެ. އަދި މިއީ އަޑު އަހާލަން ހިތްގައިމު، ލޯތްބާއި އުފާވެރި އިހްސާސްތަކެއް ގެނުވާ ލަވައެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ސިފަ ކުރަމުންނެވެ. އުނޫޝާއާއި ޝާންގެ މި މަސައްކަތަށް ގިނަ ބަޔަކު އަންނަނީ ތަޢުރީފު ކުރަމުންނެވެ.
އުނޫޝާ މީގެ ކުރިން ވެސް ވަނީ ބޮލީވުޑުގެ "ޖިސްމު 2" އަށް ވެސް ލަވައެއް ކިޔާދީފަ އެވެ.
ސަޅި. ބަދުއަޚުލާގީ ބަސް ބޭުނުން ނުކޮށް، ގައިގަ ނުކޭއްތި ވެސް ރީތި ލަވަ ކިޔޔާ، ވީޑިޔޯ ހަދައިގެން ހަގީގީ ޓެލެންޓުގެ ބާރުގަ ހިޓެއް ހެދިދާނެކަން ތިޔަ ދައްކުވާދިނީ.