ފުވައްމުލަކަށް ގޮސް ރާޅާ އަޅައި، މިޔަރު ބަލާލަން ޑައިވްކުރުމަކީ އޭނާ ދެކެމުން އައި ހުވަފެނެކެވެ. ފުރޮޅުލީ ގޮނޑިއެއްގައި އިންނަން ޖެހުނަސް އޭނާއަކީ ކަނޑުމައްޗަށް ވަރަށް ފޯރި ހުންނަ ޒުވާނެކެވެ.
މ. މުއްޔަށް އުފަން ޚައިފް އަހްމަދުގެ އެ ހުވަފެން ހަގީގަތަކަށް ހަދައިދިނީ ފުވައްމުލަކު މޭޔަރު އިސްމާއިލް ރަފީގާއި ފުވައްމުލައް އުފާވެރި މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓްކުރާ "މައި ފުވައްމުލައް" ހިންގާ ސައުދުﷲ އަހުމަދު (ސައުދު) އެވެ.
"އަހަރެމެންނަށް މީގެ ކުރިން ލިބެނީ ހަމައެކަނި ރީފް ބްރޭކް ރާޅާ އަޅަން. ނަމަވެސް މި ރަށަށް އައުމުން ބީޗް ބްރޭކް ރާޅާ އަޅަން ފުރުސަތު ލިބޭ. މި ރާއްޖޭގައި މި ނޫން ތަނަކުން މި ފުރުސަތެއް ނުލިބޭ،" ފުވައްމުލަކުގައި ހުރެ "ހުރިހާ"އާ ވާހަކަދައްކަމުން ހައިފު މިއަދު ބުންޏެވެ. "ބީޗް ބްރޭކް ރާޅާ އަޅަން ދާން ޖެހެނީ ރާއްޖޭން ބޭރަށް."
ރާޅާ އެޅުމަކީ އޭނާ އަބަދުވެސް ލޯބިކުރާ ކަމެކެވެ. މީގެ ދިހަ ވަރަކަށް އަހަރު ކުރިން ހިނގި ޑައިވް އެކްސިޑެންޓެއްގައި އުނަގަނޑުން ތިރީގައި ވާގިނެތުނު ނަމަވެސް މޫދާ ދުރަށް ދާކަށް އޭނާ ނުވިސްނަ އެވެ. އެހެންވެ މިފަހަރު ފުވައްމުލަކަށް ކުރި ދަތުރަކީ ވެސް ރާޅާ އެޅުމަށާއި މިޔަރު ބަލަން ޑައިވްކުރަން ދިޔަ ދަތުރެކެވެ.
ހައިފުގެ ހިތް އޮތީ ފުވައްމުލަކުގައި
"މިޔަރު ފެނުމުން އެންމެ އުފާވި. މިއީ އަދިވެސް އަންނަން ޖެހޭ ރަށެއް،" އެ ދަތުރާ މެދު ވަރަށް ހިތްހަމަޖެހިފައި ހުރެ ހައިފު ބުންޏެވެ. "މިއީ ވަރަށް ހިތްހެޔޮ އެކުވެރި ބައެއް އުޅޭ ރަށެއް."
ފުވައްމުލަކަށް ކުރި ދަތުރުގައި ވަރަށް ހާއްސަ ކަންތައްތަކެެއް އޭނާ ވަނީ ތަޖުރިބާކޮށްފަ އެވެ. އެގޮތުން ފުވައްމުލަކުގައި މަޝްހޫރު ކައްޓެޅި ކެއުމަކަށް އިންސާފުކުރުން ރޭ އޮތެވެ. އެ ރަށުގައި ހިންގާ މަޝްހޫރު "ބާބާ ގަޑިޔާ"ގެ ހަސަން އަތީގު ދިން ދައުވަތެއް ގަބޫލުކޮށް ހައިފު ވަނީ އެ ކެއުމުގައި ބައިވެރިވެފަ އެވެ.
"ކައްޓެޅި ކެއުން ވަރަށް ފައްކާ. އަލަށް ކައްޓެޅި މިކެއީ. މީގެ ކުރިން ވަރަށް އަޑުއަހާ އެއްޗެއް،" ހައިފު ބުންޏެވެ.
ދަތުރުގައި ގިނަ ވަގުތު މޫދުގައި އުޅެން ޖެހުމުން އެރަށުގައި ދާން ބޭނުންވި ގިނަ ތަންތަނަށް ނުދެވުނަސް ފުވައްމުލަކުގެ ހިތްގައިމު ނޭޗާ ޕާކް ބަލައިލަން އޭނާ ދިޔަ އެވެ.
"މިއީ ވަރަށް ރީތި ރަށެއް. މިދަތުރުގައި އުޅެން ޖެހުނު ގޮތުން ދާން ބޭނުންވި ގިނަ ތަންތަނަށް ނުދެވުނު،" ފުރުމުގެ ކުރިން ފޯނުން ވާހަކަދައްމުން ބުންޏެވެ.
ގުދުރަތީ ރީތި އެތައް ކަމެއް ލިބިފައިވާ ފުވައްމުލަކުގައި ހަތް ދުވަހު މަޑުކުރުމަށް ފަހު މިއަދު ފުވައްމުލަކުން ފުރާއިރު އޭނާގެ ލޯބި އޮތީ ފުވައްމުލަކުގެ ހިތްގައިމު ބީޗަށެވެ. އެރަށުން ފުރައިގެން ދާކަށް ހައިފު ބޭނުމެއް ނުވެ އެވެ.
ހަޔާތް ބަދަލުވި ހާދިސާ
ހައިފުގެ ހަޔާތުގައި ދިމާވި އެންމެ ހިތްދަތި ހާދިސާގެ ވާހަކަތައް ކިޔައިދެމުން ބުނީ އުނަގަނޑުން ތިރި ވާގިނެތުމަކީ ކުއްލިއަކަށް ދިމާވި ކަމެއް ކަމަށެވެ.
"އެ ދުވަހު ޑައިވިން ނިންމާފައި ކޮފީއެއް ބޯން ގޮސް އިށީނދެގެން ހުއްޓާ ލޯމައްޗަށް އަނދިރިވެފައި ގޮތްގޮތް ވާން ފެށީ. އޮށޯވެގެން އޮވެފައި ރަނގަޅުހެން ހީވެގެން ތެދުވަން ވެގެން ބެލިއިރު ފައިކޮޅުގައި ނެތް އެއްވެސް ކަމެއް. ނުއެއް ތެދުވެވުނު," ޚައިފް ކިޔައިދިނެވެ.
އެ ހާދިސާ ދިމާވިއިރު އޭނާ ހުރީ ބ. ތުޅާދޫގަ އެވެ.
ކުޑައިރުގެ ހިތްދަތި ހަޔާތުން އަރައިގަތުމަށް ގްރޭޑް ހައަކާ ހަމައިން ކިޔެވުން ދޫކޮށްލައި ސްކޫލުން ވެސް ވަކިވެ އޭނާ ބެލީ މަސައްކަތްކޮށްގެން އަމިއްލަ ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށެވެ.
ހައިފު ފުރަތަމަ އުޅުނީ ސަފާރީއެއްގަ އެވެ. އެ ސަފާރީގައި ކްރޫއެއްގެ ގޮތުގައި އުޅެ ގިނަ ކަންކަން ދަސްކުރި އެވެ. އެ ސަފާރީ ވިއްކާލުމުން ޚައިފް ވަޒީފާ ބަދަލުކުރީ ލޯންޗެއްގެ ކްރޫއަކަށެވެ. އޭގައި އުޅެމުން ލޯންޗު ދުއްވަން ދަސްކުރީ އެވެ.
ކަނޑުއުޅަނދު ދުއްވުމުގެ ލައިސަންސް ނަގައި ކައްޕިއަކަށް އުޅެގެން ރަނގަޅު އާމްދަނީއެއް ވެސް ހޯދި އެވެ. ދެ ވަނަ ލޯންޗުގައި އުޅެނިކޮށް އޭތި ވިއްކާލަން އުޅުމުން ޚައިފް ދިޔައީ ބ. އަތޮޅު ތުޅާދުއަށެވެ.
އުނަގަނޑު ތިރި ވާގިނެތުމުގެ ހާދިސާ ދިމާވީ އެ ރަށުގައި ޑައިވްކުރަން ފަށައި މަހެއް ވީ ތަނާ އެވެ.
"އެތަނަށް ދިޔަތަނާ ކުރިން ދިމާވި ރައްޓެހިންތަކެއް ގުޅާފައި ބުނެފި ފީނަން ހިނގާށޭ. އެހެން ބުނީމަ އެ މީހުންނާއެކު ފީނަން ފެށީ،" އޭނާ ބުންޏެވެ.
"އަހަރެން އެދިގެން ޗެމްބަރުގައި ވެސް ހަފުތާއަކަށް ވުރެން ގިނަ ދުވަހު އޮވެފައި ބޭރަށް ގެންދިޔައީ. ޑޮކްޓަރު ބުނީ މައިބަދައިގެ މައްސަލައަކުން ދިމާވި ކަމެކޭ. އެ ހިސާބުން ގޮނޑީގައި މި އިންނަނީ,"
ހައިފު ބުނީ ހިނގަން ބޭނުން ނަމަ އުނަގަނޑުގެ ބޮޑު އޮޕަރޭޝަނަކަށް ދާން ޑޮކްޓަރު ލަފާދިން ކަމަށެވެ.
"ފަންސާސް ޕަސެންޓް ޔަގީންކަން އޮތީ އެ އޮޕަރޭޝަންކޮށްގެން ރަނގަޅުވާނެކަމުގެ. އެހެންވެ އެ އޮޕަރޭޝަންކުރަން ބޭނުން ނުވީ،" ހައިފު ބުންޏެވެ.
އޭނާ އަދިވެސް ފަރުވާ ހޯދުން ހުއްޓައެއް ނުލާ ކަމަށެވެ.
"ފަރުވާ ހޯދަން މަސައްކަތްކުރަން. އެގޮތުން ކަސްރަތުކުރަން ފެށުމުން ކުރީގައި ވީ ވަރާ ބަލާއިރު ވަރަށް ބޮޑުތަން ރަނގަޅު. މިހާރު މޫދަށް އެރެން ފެށީ،" ހައިފު ބުންޏެވެ.
އޭނާ ބުނީ ކުރިން އެކަނި ފުރޮޅެން ވެސް އުނދަގޫ ކަމަށެވެ. ނަމަވެސް މޫދަށް އެރި އުޅެން ފެށުމުން އަމިއްލައަށް އުޅެވޭވަރު ވެއްޖެ ކަމަށް ވެސް ހައިފު ބުންޏެވެ.
އޭނާގެ އަދިވެސް އުއްމީދަކީ ކުރިން އުޅުނު ދިރިއުޅުން އަނބުރާ ލިބުމެވެ. ހައިފުއަކީ ހިތްވަރުގަދަ ޒުވާނެކެވެ. އޭނާގެ އެ އުއްމީދު ހަގީގަތަކަށް ހެދުމަށް ކުރަން ޖެހޭ ދަތުރު ދިގެވެ. ނަމަވެސް ހައިފު ހުރީ ދޫކޮށްލާ ގޮތަކަށް ނޫނެވެ.