ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ޑިންގީ ޖެޓީގައި މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވި ދެ ވަނަ މީހާ ވެސް ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ އެވެ.

މި ހާދިސާގައި ފުރަތަމަ މަރުވީ ބަންގްލަދޭޝްގެ ގަޒީޕޫރު ޑިސްޓްރިކްޓްގެ ޖޮއިނަލް އަބެދިން ކިޔާ މީހެކެވެ. އަދި އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށް އަންގާރަ ދުވަހު މަރުވީ ހަޖީގާންޖް އުޕަޒިލާގެ ޗާންދްޕޫރު ޑިސްޓްރިކްޓްގެ ޚޮކުން މޮލިކް ކިޔާ މީހެކެވެ.

އެ މަސައްކަތުގައި އުޅެނިކޮށް ސީރިއަސް ޒަހަމްތައް ލިބުނު ޚޮކުންއަށް ފަރުވާ ދިނުމަށް އެންމެ ފުރަތަމަ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. އެކަމަކު، އިތުރު ފަރުވާއަށް ފަހުން އައިޖީއެމްއެޗަށް ބަދަލުކުރީ އެވެ.

އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް 38 އަހަރުގެ ބިދޭސީއެއް މިދިޔަ އަންގާރަ ދުވަހު މަރުވެފައިވާ ކަމަށެވެ. ނަމަވެސް އޭނާއަށް ލިބުނު ޒަހްމަތަކެއް އެ ހޮސްޕިޓަލުން ނުބުނެ އެވެ.

ބިދޭސީން ތާށިވީ ރިސޯޓަކަށް ގެންދަން އުޅުނު މާބްލްތަކެއްގެ ތެރޭގައި ކަަމަށް ވެ އެވެ. ދެ ފަރާތުގައި ބަހައްޓާފައިވާ ޝީޓްތަކުގެ ދެމެދަށް ވަދެވި ތާށިވީ ކަމަށް މައުލޫމާތު އެނގޭ މީހަކު ބުންޏެވެ. ދެ މީހުން އެތަނުން ނެރުނީ އެކްސްކަވޭޓަރު ބޭނުންކޮށްގެންނެވެ.

ރާއްޖޭގައި ހުންނަ ބަންގްލަދޭޝް ހައިކޮމިޝަނާ ހަވާލާދީ އެ ގައުމުގެ ނޫހެއްގައި ބުނެފައި ވަނީ އެ ހާދިސާގައި ފުރަތަމަ މަރުވި ޖޮއިނަލްގެ ހަށިގަނޑު މިހާރު ގައުމަށް ފޮނުވާލާފައިވާ ކަމަށެވެ. ނަމަވެސް ޚޮކުންގެ ހަށިގަނޑު ފޮނުވާލި ކަމެއް ނޭނގެ އެވެ.