ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ށ. ފުނަދޫއަށާއި، ނ. ހޮޅުދޫއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި އެވެ.

ރައީސްގެ މިދަތުރުފުޅަކީ، ށ. ފުނަދޫ ސްކޫލުގެ ރަންޔޫބީލް ޖަލްސާއާއި، ނ. ހޮޅުދޫ މޭނާ ސްކޫލްގެ އަލިމަސްޔޫބީލް ޖަލްސާ ޝަރަފްވެރިކޮށްދެއްވުމަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅެކެވެ.

މިދަތުރުފުޅުގައި ރައީސް އެންމެ ފުރަތަމަ ވަޑައިގެންނެވީ، ށ. ފުނަދޫއަށެވެ. އަދި ފުނަދޫ ސްކޫލުގައި ބޭއްވި އެ ސްކޫލުގެ ރަންޔޫބީލް ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ، ސްކޫލުގެ 50 އަހަރުގެ ދިގު ތާރީޚުގައި ބިނާކޮށްދީފައިވާ އިންސާނީ ވަސީލަތްތަކަކީ އެ ސްކޫލުން މުޖުތަމަޢަށް ދޫކުރި ވަރަށް އަގުހުރި ހަދިޔާއެއް ކަމުގައި ފާހަގަކުރައްވާފަ އެވެ.

"ފުނަދޫ ސްކޫލަށް 50 އަހަރު ފުރިގެން ދިޔައިރު، މި ސްކޫލް ވަނީ މުޖުތަމަޢަށް ވަރަށް އަގުހުރި ހަދިޔާއެއް ކޮށްދީފައި. އެއީ އިންސާނީ ވަޞީލަތްތައް ބިނާކުރުން. ފުނަދޫ ސްކޫލުން ދަރިވަރުވި އެތައް ބަޔަކު، މިރަށާއި މި ސަރަޙައްދުގެ އެކި އިދާރާތަކުގެ އިސް މަޤާމުތަކެއްގައި މިހާރު ވެސް އެ ގެންދަވަނީ ޚިދުމަތް ކުރައްވަމުން،" ރައީސް ވިދާޅުވި އެވެ.

ހޮނިހިރު ދުވަހު ނ. ހޮޅުދޫއަށް ވަޑައިގެންނަވައި ރައީސް ވަނީ އެ ރަށުގެ މޭނާ ސްކޫލު އަލިމަސްޔޫބީލް ހަނދާނީ ބިނާ އިފްތިތާޙްކޮށްދެއްވާފަ އެވެ. އޭގެ އިތުރުން އެ ސްކޫލްގެ އަލިމަސްޔޫބީލް ޖަލްސާ ޝަރަފްވެރިކޮށްދެއްވައި އެމަނިކުފާނު ވިދާޅުވީ، މޭނާ ސްކޫލަކީ ރާއްޖޭގެ ތައުލީމީ ހަޔާތުގައި މަތީ މަގާމެއް ހާސިލްކޮށްފައިވާ ސްކޫލެއް ކަމަށެވެ.

"މޭނާ ސްކޫލަކީ ރާއްޖޭގެ ތަޢުލީމީ ޙަޔާތުގައި ވަރަށް މަތީ މަގާމެއް ހާސިލްކޮށްފައިވާ ސްކޫލެއް. މި ސްކޫލްގެ އެންމެ ބޮޑު ކާމިޔާބަކީ، ގައުމަށް ހިދުމަތްކުރާ މޮޅެތި ދަރިންތަކެއް މި ސްކޫލުން ބިނާކޮށްދީފައިވުން،" ރައީސް ވިދާޅުވި އެވެ.

މި ދެ ދަތުރުފުޅުގައި ރައީސް ވަނީ، އެދެރަށުގެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުންނާއި ބައްދަލުކުރައްވައި އެރަށްރަށުގެ ތަރައްޤީއާއި ގުޅޭ ކަންކަމުގައި މަޝްވަރާކުރައްވާފަ އެވެ.