ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހިންގާ ޝަރީއަތުގައި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ލެޕްޓޮޕް ތަހުލީލުކުރި މީހާގެ ހެކިބަސް ކްރިމިނަލް ކޯޓުން މިއަދު ނަގައިފި އެވެ.
އާރަށް ކުއްޔަށް ދިނުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން މިއަދު ނެގީ ފުލުހުންގެ ފަރާތުން ކޮމްޕިއުޓާ ފޮރެންސިކް ރިޕޯޓް ހެދި އިބްރާހިމް ޒުބައިރުގެ ހެކިބަހެވެ.
އޭނާއަކީ ޒިޔަތުގެ ލެެޕްޓޮޕް ތަހުލީލުކުރި މީހާ އެވެ. އޭނާ ބުނިގޮތުގައި 2015 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން ސެޕްޓެމްބަރު މަހާ ހަމައަށް އެ ލެޕްޓޮޕްގައި ހުރި ވައިބާއިން ކޮށްފައިވާ މުއާމަލާތްތައް އޭނާ ވަނީ ބަލައިފަ އެވެ.
އެ މުއާމަލާތްތަކުގައި ހުރީ ކޮން ބައެއްގެ މެސެޖްތަކެއް ކަމެއް އޭނާ ނުބުނެ އެވެ. އަދި މެސެޖްތަކުގައި އެ މައްސަލައާ ގުޅުންހުރި ވާހަކަތަކެއް ހުރިތޯ ދިފާއީ ވަކީލުން ސުވާލު ކުރުމުން ދައުލަތުން އެކަން ހުއްޓުވި އެވެ. އެއީ މައްސަލައާ ގުޅުންހުރި މުއާމަލާތްތައް ބެލުމަކީ އެ ފުލުސް މީހާ ކުރި ކަމަކަށް ނުވާތީ އެވެ.
ފަސް ގަޑިއެއްހާ އިރަށް ދިގުދެމިގެންދިޔަ އެ އަޑުއެހުމުގައި ދިފާއީ ވަކީލުން ސުވާލު އަމާޒުކުރީ އެ ފުލުސް މީހާގެ ތައުލީމާއި ތަޖްރިބާގެ އިތުރުން އޭނާގެ ތަހުލީލުގައި ބޭނުންކުރި އުކުޅުތަކާ ބެހޭގޮތުންނެވެ.
އެ މައްސަލާގެ އިތުރު އަޑުއެހުމެއް އަންނަ ހަފުތާގައި ވެސް ބާއްވާނެ އެވެ.
މިޝަރީއަތްތަކުން ސާބިތުވަނީ މިސަރުކާރަކީ ދޮގުހެދުމާއޮޅުވާލުމާ މަކަރު ހެދުން ފިއަވާ އެއްވެސް ކަމެއް ކުރަން ނޭގޭ ސަރުކާރެއްކަން، މިސަރުކާރުން ކުރާހާވެސް ކަމަކީ ވަގުންގެފޮށި ބާރަށްބަނުން.