ރޭގަނޑު ދަންވަންދެން ހޭލާ އުޅުމަކީ އަހަރުމެންގެ ތެރެއިން ގިނަ ބައެއްގެ އާދައަކަށް ވަނީ ވެފަ އެވެ. ނަމަވެސް އަވަހަށް ނިދުުމުގެ ފައިދާތައް އެނގޭނަމަ ނުނިދާ އޮވެ ބޭކާރު ގޮތުގައި ވަގުތު ހޭދަ ނުކުރާނެކަން ޔަގީނެވެ.

ހަމަ ނިދި ލިއްބައިދޭ

އަހަރަމެންގެ ނިދި ބެހިގެންވަނީ 90 މިނެޓުގެ ގަދަ ނިދި އަދި މަޑު ނިދި އެކުލެވޭ ބުރުތަކަށެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އެންމެ ގަދަ ނިދި އަދި އަރާމު ނިދި އަންނަ ވަގުތަކީ ރޭގަނޑު 10 ން ދަންވަރު 02 އާ ދެމެދެވެ. އެހެން ކަމުން ރަނގަޅަށް އަރާމު ކުރަން ބޭނުންވާ ފަރާތްތަކުން ވީހާވެސް އަވަހަކަށް ރޭގަނޑު ނިދުމަކީ މުހިއްމު ކަމެކެވެ.

ހަށިގަނޑު "ރިޕެއާ" ކޮށްދޭ

ނިދުމުގައި ގަދަ ނިދި އެކުލެވޭ ބުރުގެ ވަގުތުތަކުގައި ނިދުމުން، ލިބޭ ކުދިކުދި އަނިޔާތަކަށް، އަހަރަމެން ހަށިގަނޑު އޭގެ ޒާތުގައި އަމިއްލަޔަށް ރިޕެއާ ހޯމޯންތަކެއް އުފައްދައި ފަރުވާ ހޯދަ އެވެ. މި މަސައްކަތް ހަށިގަނޑުގައި ކުރިޔަށްދަނީ އަހަރަމެން ގަދަ ނިދީގައި އޮންނަ ވަގުތުގަ އެވެ.

ސްޓްރެސް ދަށްކޮށްދޭ

ރަނގަޅަށް ނިދި ނުލިބުމުގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ސްޓްރެސް ހޯމޯނުގެ (ކޯޓިސޯލް) ސަބަބުން މީހާގެ ހާސްކަން އިތުރު ކުރުވަ އެވެ. ހަށިގަނޑުގައި ކޯޓިސޯލް އިތުރުވާ މިންވަރަކަށް ކަންކަމާމެދު ފިކުރު ބޮޑުވާ މިންވަރު އިތުރުވެ އެވެ. ނަމަވެސް އަވަހަށް ނިދައި، ގިނަ ވަގުތު ރޭގަނޑުގައި ނިދުމަށް ހޭދަކުރުމުން، ހަށިގަނޑުގައި ކޯޓިސޯލް ލެވެލް ކޮންޓްރޯލްވެ އެވެ.

ބަލިތަކުން ރައްކާތެރި ކޮށްދޭ

ތަފާތު ދިރާސާތަކުން ދައްކާ ގޮތުގައި، ރޭގަނޑު ޑިއުޓީކުރާ ފަރާތްތަކާއި އަދި ރޭގަނޑު ނުނިދާ ހޭލާ އުޅެންޖެހޭ ވަޒީފާތަކުގައި އުޅެންޖެހޭ މީހުންނާ އަޅާބަލާއިރު، އަވަހަށް ނިދާ މީހުންގެ ސިއްޙީ ހާލަތު ވަރަށް ބޮޑުތަން ރަނގަޅެވެ. ރޭގަނޑު ރަނގަޅަށް ނިދި ނުލިބޭ މީހުން ނުވަތަ ނުނިދާ އުލޭ މީހުންނަށް ތަފާތު ސިއްހީ ނުރައްކާތައް ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ.