ތެހްރާން (26 ޖޫން) - އީރާނުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީގެ ސަލާމަތީ ކަންކަން ބަލަހައްޓާ ޔުނިޓްގެ އެންމެ އިސް ހަށި ފާރަވެރިޔާ މަގާމުން ވަކިކޮށް އެ މަގާމަށް އާ ކޮމާންޑަރަކު އައްޔަން ކޮށްފައިވާ ކަމަށް އިސްލާމިކް ރިވޮލޫޝަނަރީ ގާޑް ކޯޕްސް (ގުދުސް ފޯސް)އިން ބުނެފި އެވެ.

ގުދުސް ފޯސްގެ ތަރުޖަމާނު ރަމަޒާން ޝަރީފްއާ ހަވާލާދީ ދައުލަތުގެ މީޑިއާއިން ބުނީ ޚާމަނާއީގެ ސަލާމަތީ ކަންކަން ބަލަހައްޓާ ޔުނިޓްގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ކުރިން ހުންނެވި އިބްރާހީމް ޖައްބާރީ ދުރުކޮށް އެ މަގާމަށް ހަސަން މަޝްރޫފީ އިސް ކުރެވިފައިވާ ކަމަށެވެ.

ގުދުސް ފޯސްގެ "ވަލީ އަމްރު" ޔުނިޓަކީ އީރާނުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީގެ ސަލާމަތާ ބެހޭ އެންމެހާ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އޮންނަ ޔުނިޓެކެވެ.

ޖައްބާރީ ވަކި ކުރެވުނު ވަކި ސަަބަބެއް ގުދުސް ފޯސްއިން ހާމަކޮށްފައި ނުވާއިރު އޭނާއަށް އެ ޔުނިޓްގެ އެހެން މަގާމެއް އަރުވާފައިވާކަން ނުވަތަ ނުވާކަން ވެސް ރަމަޒާން ޔަގީން ކޮށްދީފައެއް ނުވެ އެވެ.

2010 ވަނަ އަހަރުން ފެށިގެން ވަލީ އަމްރު ޔުނިޓްގެ އިސް ކޮމާންޑަރުގެ މަގާމުގައި ހުރި ޖައްބާރީގެ ބަދަލުގައި އެމަގާމަށް އަލަށް އިސްވި މަޝްރޫފީއާ ބެހޭ ގޮތުން މާ ގިނަ މައުލޫމާތެއް މީޑިއާގައި އާއްމުވެފައެއް ނުވެ އެވެ.

ޖައްބާރީ މަގާމުން ދުރުކޮށްފައި މިވަނީ މި ހަފްތާ ތެރޭގައި ގުދުސް ފޯސްގެ އިންޓެލިޖެންސް ޗީފް ހުސައިން ތާއިބުވެސް މަގާމުން ވަކިކޮށްފައި ވަނިކޮށެވެ.

ތާއިބު ވަކި ކުރެވުނު ސަބަބާ ބެހޭ ގޮތުން ވެސް ގުުދުސް ފޯސްގެ ބަހެއް ލިބިފައިނުވާއިރު ގުދުސް ފޯސްގެ ބައެއް އިސްވެރިން މިފަހަކަށް އައިސް ގަތުލު ކުރަމުންދާ ދިއުމާއި ތާއިބުގެ ވަކި ކުރުމާ ގުޅުމެއް ވާ ކަމަށް މީޑިއާތަކުން ބުނެ އެވެ. -- އަލް އަރަބިއްޔާ