ސްރީލަންކާގެ އިރުމަތީގެ ރަށެއް ކަމަށްވާ ޓްރިންކޮމާލީގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުންދިޔަ އުމުރުން 55 އަހަރުގެ ފިރިހެނެއްގެ މަސާނާ ނުވަތަ ޔުރީނަރީ ބްލެޑާއިން 3.1 ކިލޯގްރާމް (6.8 ޕައުންޑް) ގެ ބޮޑު ގަލެއް އޮޕަރޭޝަންކޮށްގެން ނަގައިފި އެވެ.

ޑޮކްޓަރުން ގަބޫލުކުރާ ގޮތުގައި މިއީ މިހާތަނަށް ރެކޯޑުކުރެވިފައިވާ މިފަދަ އެންމެ ބޮޑު ގަލެވެ.

މި އޮޕަރޭޝަން ކޮށްފައި ވަނީ ސްޓްރޯކެއް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ މީހެއްގެ އެވެ. އޭނާއަށް ކުޑަކަމުދާން އުނދަގޫވެގެން ބެލިބެލުމުން ބްލެޑާގައި ގާ ހުރިކަން އެނގިގެން ކުރި އޮޕަރޭޝަނުގައި ނެގި މި ގަލުގެ ބަރުދަނުގައި އުފަންވާ ކުއްޖެއްގެ ބަރުދަން ހުއްޓެވެ.

އޮޕަރޭޝަން ޓީމުގެ އިސްކޮށް ހަރަކާތްތެރިވި ޑޮކްޓަރު ޕްރަހަލަހަން ބާލަކްރިޝްނަން ބީބީސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއީ ސާޖަރީ ހަދައިގެން މިހާތަނަށް މީހެއްގެ ހަށިގަނޑުން ނެގި އެންމެ ބޮޑު ގާ ކަމަށެވެ. އަދި މި ގާ ބްލެޑާގައި އުފެދި ބޮޑުވުމަށް 5 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބްލެޑާގައި ގާ އުފެދެނީ ކުޑަކަމުދާ އެއްޗެހި ފުރިހަމައަށް ބޭރުނުވެ، އޭގައި ހުންނަ މިނަރަލްތައް ގަނޑުވުމުގެ ސަބަބުންނެވެ.

ގިނަސް ރެކޯޑު ފޮތުގައިވާ ގޮތުން މީގެ ކުރިން އޮޕަރޭޝަންކޮށްގެން ނަގާފައިވާ އެންމެ ބޮޑު ގަލަކީ 2003 ވަނަ އަހަރު ބްރެޒިލްގެ ބަލިމީހެއްގެ ހަށިގަނޑުން ނެގި 1.9 ކިލޯގްރާމްގެ ގަލެކެވެ. ނަމަވެސް ސްރީލަންކާއިން މި ނެގި ގަލުގެ ދިގުމިނުގައި 17 ސެންޓިމީޓަރު ހުރިއިރު، މިއީ ކުރީގެ ރެކޯޑަށްވުރެ މާ ބަރު ގަލެކެވެ.