މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ރަހީނުކޮށް މަރާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ތިން މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

އެ މައްސަލައާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ މ. ލެގޫން ވިއު، އިސްމާއީލް އަބްދުއްރަހީމް (އިސޫ)،30، އާއި މއ. ފާގަފިލާ، އަހްމަދު އިސްމާއިލް (އަހަނދު)،39، އާއި މާލޭ ދަފްތަރު، އަހްމަދު މުއާޒް،40، އެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުގެ މެންބަރު މިސްބާހު އައްބާސް ވިދާޅުވީ އެ ތިން މީހުން ހައްޔަރުކުރީ ގާނޫނާ އެއްގޮތަށް ކަމަށް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ. އަދި ޝަރީއަތް ނިމެންދެން އެ މީހުން ބަންދުގައި ބަހައްޓަން ބޭނުންވާ ހެކި ހުށަހަޅާފައިވާ ކަމަށް ގާޒީ ފާހަގަކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

ރިލްވާން ރަހީނުކޮށްފައި ވަނީ އޯގަސްޓް 7، 2014 ގަ އެވެ. މަރު ކޮމިޝަނުގެ ކުރީގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވެފައި ވަނީ އޭނާ މަރާލުމަށްފަހު ކަނޑު ފައްތާފައިވާ ކަމަށެވެ. އެކަން ކުރީ އައިސިސް އަދި އަލް-ގައިދާ އަށް ނިސްބަތްވާ ދިވެހި ބަޔަކު ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލާގައި ފުލުހުން ކުރި ތަހުގީގަށްފަހު ބަޔަކު ހައްޔަރުކޮށް ދައުވާ ކުރި އެވެ. ރިލްވާން ރަހީނުކުރި ކަމުގެ ތުހުމަތުގައި ދައުވާ ކުރީ ހ. ހިލްޓަން، އަހްމަދު އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ އިތުރުން ސ. ހުޅުދޫ، އަތިރީއާގޭ، މުހައްމަދު ސުއައިދުގެ މައްޗަށެވެ. އެ މީހުންގެ ތެރެއިން ސުއައިދު ސީރިއާ ހަނގުރާމައިގައި މަރުވެފައިވާ ކަމަށް ވަނީ އަޑުފެތުރިފަ އެވެ. އެހެންވެ އޭނާގެ ޝަރީއަތް ކުރިއަށް ނުގެންދެވެ އެވެ. އަނެއް ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ވަނީ ހުކުމް ކޮށްފަ އެވެ.