ރުގްޔާ ކުރުމުގެ ނަމުގައި އާއިލާއެއް ރަހީނުކޮށް، ޖިންސީ އަދި ޖިސްމާނީ ގޯނާކުރި މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހަކު ހައްޔަރުކޮށްފި އެވެ.

އެ މީހުން ހައްޔަރުކުރީ އުތުރުގެ ރަށެއްގައި އަންހެނަކާއި އޭނާގެ ތިން ދަރިންނަށް ޖިސްމާނީ އަނިޔާކޮށް، އަންހެން މީހާއާއި އޭނާގެ ދަރިފުޅަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށްތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެންނެވެ.

ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 39 އަހަރުގެ ދިވެހި ފިރިހެނަކާއި 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ އޭގެ ތެރެއިން 39 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ ރޭ 22:30 ގައި ކަމަށެވެ. އަދި 24 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ މިއަދު ހެނދުނު 09:51 ގައި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަކަށްވާތީ، ރައްޔިތުން އެފަދަ މައްސަލަތަކަށް ސަމާލުވެ ތިބުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުޑަކުދިންނާ ގުޅޭ މިފަދަ މައްސަލައެއްގެ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެކަން ފުލުހުންނަށް ނުވަތަ ޖެންޑާ މިނިސްޓްރީ އަށް ރިޕޯޓުކޮށްދިނުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.