ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލްގައި ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރުވާ ދެ ހާލަތަށް މިވަގުތު ހައްލެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ރައްޔިުންގެ މަޖިލީހުން އެ ބިލް ފާސްކުރުމާ ދެކޮޅަށް މަޖިލިސް އިދާރާ ކައިރީގައި ހިމޭން މުޒާހަރާއެއް ކުރަމުން ދިޔަ ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކާ އެކު ނޫސްވެރިންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ ނޫސްވެރިންގެ ކަންބޮޑުވުންތައް މަޖިލީހުގެ ކޮންމެ މެންބަރަކު ވެސް ބަލައިގަންނާނެ ކަމަށެވެ. ނަމަވެސް، މިއަދު ހުށަހެޅި ކަންބޮޑުވުންތަކަށް މިހާރު ވަގުތެއް ނެތް ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ދެން އޮތް ގޮތަކީ ބިލު ފާސްކުރުމުން އަނެއްކާވެސް އިސްލާހެއް ގެނައުމެވެ.

"ހެއްކާ ބެހޭ ގާނޫނަކީ ބޮޑު ސިންގާ މަސައްކަތެއް. އެކަން އެ ނިމުނީ ހަ މަސް، ހަތް މަސް ފަހުން. އަޅުގަނޑަށް ހިތަށް އަރަނީ ދެން ކުރެވެން އޮންނާނެ ގޮތަކީ މިކަން މިހެން ގެންގޮސްފައި ބިލު ފާސްކޮށްފައި އަނެއްކާ އަނބުރާ ތިޔަ ބޭފުޅުންގެ އިސްލާހެއް އަޅުގަނޑުމެން އެންޓަޓެއިން ކުރުން،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުުވިޔަސް މި ބިލު އޮތް ގޮތުން ހުރި ކަންބޮޑުވުންތައް އެމްޖޭއޭ އާއި މޯލްޑިވްސް މީޑިއާ ކައުންސިލް އެމްއެމްސީއިން ވަނީ މީގެ ކުރިން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައިވެސް ހިއްސާކޮށްފައެވެ. މަސްދަރުގެ މައުލޫމާތު އާންމުކުރުމުން، އެ މީހަކާއި އެ މީހަކާ ގުޅުން ހުރި ބަޔަކަށް އަނިޔާއެއް ނުލިބޭނެ ކަމުގެ ޔަގީން ކަމެއް ނެތް ކަމަށްބުނެ އެމްޖޭއޭ ބުނެ އެވެ.

މަޖިލިސް ކައިރިއަށް އެއްވެ ތިބި ނޫސްވެރިން ވަނީ ބިލުގައި ގައުމީ ސަލާމަތް މާނަކުރާ ގޮތް ހާމަކުރުމަށްވެސް ގޮވާލާފަ އެެވެ. އަދި އެ ބިލް ފާސްނުކޮށް މަޑުޖެއްސުމަށާއި، ބިލާއި މެދު ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް އަޑުއެހުމަށްވެސް އެފަރާތްތަކުން ގޮވާލާފައިވެ އެވެ.

ވަކި ހާލަތެއްގައި މަސްދަރު ހާމަކުރުމަށް އޮތީ ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގަ އެވެ. މި މާއްދާގެ (ހ)ގައި ބަޔާންކުރާ ގޮތުން މަސްދަރު ހާމަކުރުމުގެ ސަބަބުން އެ މީހާ އަށް ނުވަތަ އެހެން ފަރާތަކަށް ވެސް ވެދާނެ ގެއްލުމަށް ވުރެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު ބޮޑުވާ ހާލަތްތަކުގައި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ އެވެ. އެފަދަ ހާލަތެއްގައި ނޫސްވެރިންނަށާއި، މީޑިއާއަށް މަސްދަރު ހާމަކުރުމަށް މަޖުބޫރުކުރުމުގެ ބާރު ފަނޑިޔާރަށް އޮވެ އެވެ.