ބޮލީވުޑްގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ބަތަލާ ޝިލްޕާ ޝެޓީއަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ތަރިއެކެވެ.

އޭނާ އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ އޭނާގެ ހިތްތިރިކަމާއި މަޖާ މިޒާޖާ ގުޅިގެންނެވެ. އެގޮތުން ޝިލްޕާއާ ގުޅޭ ގިނަ ކަންކަމަކީ އޭނާގެ ފޭނުން ބަލަން ބޭނުންވާ ކަންތައްތަކެވެ.

ޝިލްޕާ އޭނާގެ ހަޔާތާ ގުޅިގެން ހިއްސާކުރި ސިއްހީ މައްސަލައިގެ ވާހަކައަކީ އޭނާގެ ފޭނުން އެކަމާ ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރި ވާހަކައެކެވެ. އެގޮތުން ޝިލްޕާ ވަނީ އޭނާ ދަރިމައިވުމަށް ދިމާވާ މައްސަލައާ ގުޅިގެން އާންމުންނާ މައުލޫމާތު ހިއްސާކޮށްފަ އެވެ.

ޝިލްޕާއަށާއި، އޭނާގެ ފިރިމީީހާ ރާޖް ކުންދުރާއަށް ފިރިހެން ދަރިއަކު ލިބިފައިވާއިރު، އެ ދެމީހުން ވަނީ ދެވަނަ ދަރިއަކު ހޯދުމަށް ވެސް މަސައްކަތްކޮށްފަ އެވެ. އެހެން ނަމަވެސް އެކަން އެ ދެމަފިރިންނަށް ނާކަމިޔާބުވެފައި ވަނީ ޝިލްޕާއަށް ދިމާވެފައިވާ ސިއްހީ މައްސަލައެއްގެ ސަބަބުންނެވެ.

މިކަމާ ގުޅިގެން ވާހަކަ ދައްކަމުން ޝިލްޕާ ބުނީ، އޭނާގެ ފިރިހެން ދަރިފުޅަށްފަހު އިތުރު ދަރިއަކު ހޯދުމަށް އެ ދެމަފިރިން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެކަން ކާމިޔާބު ނުވީ ޝިލްޕާގެ ހަށިގަނޑުގައި "އޭޕީއެލްއޭ" ނަމަކަށް ކިޔުނު އޮޓޯ އިމިއުން ޑިސީޒެއްގެ ސަބަބުން ކަމުގައި ޝިލްޕާ ބުނެފައިވެ އެވެ.

ޝިލްޕާ ވަނީ އޭނާގެ ފިރިހެން ދަރިފުޅަށް ފަހު އަންހެން ކުއްޖަކު ސެރޮގެސީ މެދުވެރިކޮށް ހޯދާފަ އެވެ. އެދެމަފިރިންގެ އަންހެން ދަރިފުޅަށް "ޝަމިސާ" ކިޔާފައިވާއިރު، ޝަމިސާ ލިބިފައިވަނީ 2020 ވަނަ އަހަރުގަ އެވެ.