އެލަސްކާ (03 ޖުލައި) - އެލަސްކާ ކައިރިން ދަތުރު ކުރަމުން ދަނިކޮށް ނޯވޭގެ ކްރޫޒް ލައިނާއެއް ގަނޑުފެން ގަނޑެއްގައި ޖެހި ބޯޓަށް ބޮޑެތި ގެއްލުންތަކެއް ވުމުން މަރާމާތަށްޓަކައި އެމެރިކާގެ ސީޓްލްގައި ބަނދަރުކޮށްފި އެވެ.

"ނޯވޭއިއަން ސަން" ނަމަކަށް ކިޔާ އެބޯޓު ސީޓްލްގައި ބަނދަރު ކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެލަސްކާގެ ހަބާޑް ގްލޭސިއާ ކައިރިން ދަތުރު ކުރަނިކޮށް ގަނޑު ފެންގަނޑެއްގައި ޖެހިގެންނެވެ.

2000 މީހުންގެ ޖާގައިގެ އެ ކްރޫޒް ލައިނާ ގަނޑު ފެންގަނޑުގައި ޖެހުމުން އެލަސްކާގެ ޖުނީއޫގައި އިންސްޕެކްޓްކޮށް އިތުރު މަރާމާތަށްޓަކައި އެންމެ ދަށް ސްޕީޑްގައި ސީޓްލްއަށް ދިއުމުގެ ހުއްދަ ދެވުނެވެ.

މި ހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު ހާދިސާ ހިނގިއިރު ބޯޓުގައި ތިބި ފަސިންޖަރުން ބުނީ އެ އަޑު އެންމެ ގާތް ކުރަނީ ވަރަށް ބާރަށް ދޮރެއް ޖަހާ އަޑާ ކަމުގަ އެވެ.

އެ ވީޑިއޯގައި ހާދިސާ ހިނގމާއެކު މިއީ ޓައިޓޭނިކްގެ ދެވަނަ ބައި ކަމަށް ބުނެ މީހަކު ހަޅޭއްލަވައިގަންނަ އަޑު އިވެ އެވެ. 1912 ވަނަ އަހަރު މަޝްހޫރު ޓައިޓޭނިކް ފެތި 1500 މީހުންގެ ފުރާނަ ގެއްލުނީ ވެސް ބޯޓު ގަނޑު ފެންގަނޑެއްގައި ޖެހިގެންނެވެ.

އެހެން ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު ބޯޓަށް ވެސް މާބޮޑު ގެއްލުމެއް ނުލިބި ވަނީ ސަލާމަތްވެފަ އެވެ. -- އަލް އަރަބިއްޔާ