އަޟްޙާ އީދު ދުވަހާއި ވަޅުއީދު ދުވަހު ވަކިވަގުތެއްގައި ހަމައެކަނި މާލޭގައި ދުއްވާއެއްޗެހި ނުދުއްވައި، އެ ވަގުތުތަކުގައި ފައިމަގުގައި އުޅޭގޮތަށް މާލެ ކައުންސިލުން ނިންމައިފި އެވެ.

ސިޓީ ކައުންސިލުން ބުނީ އީދު ދުވަހާއި ވަޅު އީދު ދުވަހުގެ ހަވީރު 4 ފެށިގެން އިރުއޮއްސި 6 ހަމައަށް މާލެ ސިޓީގައި ފައިމަގުގައި އެކަނި އުޅެވޭނެ ގޮތަށް ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް މި ވަގުތުތަކުގައި ޚާއްސަ ހުއްދައިގެ ދަށުން މާލޭގައި އުޅަނދުފަހަރު ދުއްވޭނެ ކަމަށްވެސް ސިޓީ ކައުންސިލުން ބުނެ އެވެ.

ވެހިކަލް ދުއްވުމަށް ސްޓިކާ ދޫކުރުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ ޖުލައި 7 ވަނަ ދުވަހު މެންދުރު 2:00 ފެށިގެން 6:00 އަދި ރޭގަނޑު 8:00 ފެށިގެން 10:00 އަށެވެ. 8 ޖުލައިގައި ވެސް މި ގަޑިތަކުގައި ސްޓިކާ ދޫކުރާނެ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

ޖުލައި މަހުގެ ނުވަ ވަނަ ދުވަހު ސްޓިކާ ދޫކުރާނީ ހެނދުނު 9:00 ފެށިގެން 12:00 ހަމައަށާއި މެންދުރު 13:00 ފެށިގެން ހަވީރު 4:00 އަށެވެ.

ސްޓިކާ ދޫކުރުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާ ބެހޭ ބައިންނެވެ.

އީދު ދުވަހާއި ވަޅުއީދު ދުވަހު މާލޭގައި ހިނގާފައި އުޅޭ ވަގުތު ކަނޑައެޅުމަށް އެދި ހުށަހަޅުއްވާފައިވަނީ ގަލޮޅު މެދު ދާއިރާގެ މެންބަރު ރީހާން ނާޒިމެވެ. މި ހުށަހެޅުން ވަނީ ޖަލްސާގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުން ފާސްވެފަ އެވެ.

އީދު ދުވަހުގެ ވަކިވަގުތުތަކެއް ފައިމަގުގައި އުޅުމަށް ޚާއްސަކުރުމުގެ ގޮތުން މިދިޔަ ފިތުރު އީދުގައި ވެސް މާލެ ސިޓީ ކައުންސިލުންވަނީ ދުއްވާއެއްޗެހި ނުދުއްވާ ވަގުތު ކަނޑައަޅާފަ އެވެ