އަންނަ އަހަރަށް 335 މިލިއަން ރުފިޔާގެ ބަޖެޓެއް މާލެ ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ފާސްކޮށްފައިވަނީ އެކައުންސިލުގެ 59 ވަނަ ރަސްމީ އާއްމު ޖަލްސާގަ އެވެ.

ސިޓީ ކައުންސިލުން ބުނީ ކުރިއަށް އޮތް އަހަރަށް ބަޖެޓުގައި ހިމަނާފައިވާ މުހިންމު ކަންތައްތަކުގެ ތެރޭގައި ކައުންސިލްގެ މީޑިއާ އައުޓްރީޗް ހަރުދަނާކުރުމާއި، ސްކޫލްތަކުގެ އޮނިގަނޑާއި މަރާމާތަށް ބޭނުންވާ ބަޖެޓާއި މަގުތަކުގެ ނަންބޯޑު ބެހެއްޓުމަށާއި ބޯހިޔާވަހިކަމާއި އަދި ބުޅާ ޝެލްޓާ ގާއިމްކުރުން ހިމެނޭ ކަމަށެވެ.

ސިޓީ ކައުންސިލުން އިތުރަށް ބުނެފައިވަނީ މި ބަޖެޓަކީ ފަސް އަހަރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނާ ވަރަށް ގާތުން ގުޅިފައިވާ ބަޖެޓެއް ކަމަށާއި، މިހާރު ހިނގަމުންދާ މަސައްކަތްތައް ނިންމުމަށް ވެސް ބަޖެޓްގައި ހިމަނާފައިވާނެ ކަމަށެވެ.

ކައުންސިލް މެންބަރުން މިއަދުގެ ބައްދަލުވުމުގައި މުހިންމު އިސްލާހުތަކެއް ހުށަހަޅާފައިވާއިރު، ޕާކިން ޒޯން ޕްރޮގްރާމަށް އިތުރު ދެ މިލިއަން ރުފިޔާ، ކުރިއަށް އޮތްތަނުގައި ޓްރެފިކް ވޯޑަން ތައާރަފް ކުރުމަށް ދެ މިލިއަން ރުފިޔާގެ އިތުރުން މާލޭގެ ބަނދަރުތައް ސާފުކޮށް ބެލެހެއްޓުމަށް މިހާރު ކުރިއަށްދާ މަސައްކަތްތަކަށް ފަސް މިލިއަން ރުފިޔާ ހުށަހެޅި އެވެ.

ހުށަހަޅާފައިވާ ބަޖެޓުގައި ހިމެނެނީ ސަރުކާރުން ސިޓީ ކައުންސިލާ ހަވާލުކުރާ ބްލޮކް ގްރާންޓާއި ސިޓީ ކައުންސިލުން ހޯދާ އާމްދަނީ އެވެ.

ބްލޮކް ގްރާންޓް ހަވާލުކޮށްފައިވަނީ 165 މިލިއަން ކަމަށާއި، ލަފާކުރެވޭ ގޮތުގައި ސިޓީ ކައުންސިލްގެ އިސްނެގުމެއްގެ ތެރެއިން އިތުރު 170 މިލިއަން ރުފިޔާ ހޯދައިދެވޭނެ ކަމަށެވެ. އަދި ފަސް ޕަސެންޓް ފައިސާ ރިޒާވްކުރަން ހަމަޖެހިފައިވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސައްކަތްތަކަށެވެ.