ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ މުހިއްމު މަސައްކަތްތައް ނުނިމޭތީވެ، މިހިނގާ ތިންވަނަ ދައުރުގެ މުއްދަތު އިތުރު ކުރުމަށް ނިންމައިފި އެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާ ފަށްޓަވަމުން ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ އަންނަ ޑިސެމްބަރު މަހުގެ 7ވަނަ ދުވަހާ ހަމައަށް މަޖިލީހުގެ ދައުރު އިތުރުކުރަން މިއަދު ވޯޓަށް އަހަން ނިންމާފައިވާ ކަމަށެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ތިން ވަނަ ދައުރު ހިނގާނީ އޯގަސްޓް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. ރިޔާސަތުން ވިދާޅުވީ ދައުލަތުގެ ބަޖެޓާއި، ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފަދަ މުހިއްމު މަސައްކަތްތައް ނިންމާލުމަށް ދައުރު ދިގު ދަމާލުމަކީ މުހިއްމު ކަމެއް ކަމަށެވެ. ބަޖެޓުގެ އިތުރުން، އަންނަ އަހަރަށް އާމްދަނީ އިތުރު ކުރުމަށްޓަކައި ރިއަލް އެސްޓޭޓް ޓޫރިޒަމް ތައާރަފުކުރަން ނިންމައި، ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް ވެސް އަދި އޮތީ މުޅި މަޖިލީހުގެ ކޮމިޓީ މަރުހަލާގަ އެވެ.
މަޖިލީހުގައި މިއަދު ކުރިއަށްދަނީ ބަޖެޓް ދިރާސާ ކުރާ ކޮމިޓީން ހުށައަޅާފައިވާ ރިޕޯޓުގެ ބަހުސެވެ. މިބަހުސަށް ކޮންމެ މެމްބަރަކަށް ހަތް މިނިޓުގެ ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށައަޅާފައިވަނީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ދައުލަތުން ހުށައެޅި 34.7 ބިލިއަން ރުފިޔާގެ ބަޖެޓަށް ކޮމިޓީ މަރުހަލާގައި ވަނީ 200 މިލިއަން ރުފިޔާ އިތުރުކޮށްފަ އެވެ. އެހެންކަމުން ބަޖެޓް ދިރާސާކޮށް ނިމުނުއިރު ބަޖެޓްގެ ޖުމްލަ ޢަދަދު ވަނީ 34.9 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
ޚަރަދުގެ އިތުރުން އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ 17.8 ބިލިއަން ރުފިޔާއަށް ވެސް ކޮމިޓީން ވަނީ ބަދަލުތަކެއް ހުށަހަޅައިފަ އެވެ. އާމްދަނީ އިތުރު ކުރަން ސަރުކާރުން ހުށަހަޅާފައިވާ އާ ކަންތައްތަކުން ލިބޭނެ ކަމަށް ލަފާކޮށްފައިވާ 1.2 ބިލިއަން ރުފިޔާ އިތުރު ކޮށްގެން ޖުމްލަ އާމްދަނީ 3.3 ބިލިއަން ރުފިޔާ އިން އިތުރު ކުރުމަށެވެ. ބައެއް މިނިވަން މުއައްސަސާތަކުގެ ބަޖެޓު އިތުރުކޮށްފައިވާއިރު ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ބަޖެޓަށް ދެ މިލިއަން ރުފިޔާ އިތުރުކުރުމަށް ކޮމިޓީން ނިންމާފައިވެ އެވެ. ކޮމިޓީން ގެނައި ބަދަލުތަކުން ވަނީ ބަޖެޓް ޑެފިސިޓްވެސް ދަށްކޮށްފައެވެ. އެގޮތުން ބަޖެޓް ޑެފިސިޓް 15.5 ބިލިއަނުން 12.3 ބިލިއަން ރުފިޔާއަށް ތިރިކޮށްފައިވާކަން ފާހަގަކުރެވެ އެވެ. އަދި އާމްދަނީ ލިބޭނެ މަގު އިތުރަށް ފަހި ކުރުމަށްޓަކައި ޓޫރިޒަމް ޤާނޫނަށް އިސްލާޙުތަކެއްވަނީ ހުށައަޅާފަ އެވެ.
އެގޮތުން ޓޫރިޒަމުން ލިބޭ އާމްދަނީ އެއް ބިލިއަން ރުފިޔާ އަށް އިތުރު ކުރުމާއި އާ ކަންތައްތަކުގެ ތެރެއިން ބިން ވިއްކައިގެން ލިބޭނެ ކަމަށް ލަފާކޮށްފައިވާ 300 މިލިއަން ރުފިޔާ، އެއް ބިލިއަނަށް އިތުރު ކުރުމަށް ހިމަނާފައިވެ އެވެ.