ފިއްލަވައިގެން ސްރީލަންކާގެ ރައީސް ގޯޓަބަޔަ ރާޖަޕަކްސަ ރާއްޖެ ވަޑައިގެންނެވުމުގެ ފުރުސަތު ދިވެހި ސަރުކާރުން ދީފައިވާތީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމައިފި އެވެ.

ފިލައްލަވައިގެން ސްރީލަންކާގެ ރައީސް ގޯޓާބަޔާ ރާޖަޕަކްސަ ސިއްރުން ރާއްޖެ ވަޑައިގަންނެވި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާކަން ހާމަކޮށްފައިވަނީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިންނެވެ.

އެމްއެންޕީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ސްރީލަންކާގެ ރައީސްއަށް ރާއްޖެއިން ހިމާޔަތް ދިން މައްސަލާގައި ސަރުކާރުން އަމަލު ކުރިގޮތް ސާފު ކުރުމަށް މަޖިލީހަށް ހުށަހަޅަން އެމްއެންޕީގެ ޕާލިމެންޓް ގުރޫޕުން ނިންމާފައިވާ ކަމަށެވެ.

މިއަދު އިސްތިއުފާ ދެއްވުމަށް ހަމަޖެހިފައިވާ ސްރީލަންކާގެ ރައީސް ގޯޓާބަޔާ ރާޖަޕަކްސަ ގައުމު ދޫކޮށް ރާއްޖެ ވަޑައިގެންފައިވާ ކަމަށް ރިޕޯޓުތައް ބުނެފައިވާއިރު، "އޭއެފްޕީ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ގޯޓާބަޔާއާ އެކު އޭނާގެ އަނބިކަނބަލުންނާއި ބޮޑީގާޑެއް ވަނީ ރޭގެ ވަގުތެއްގައި ރާއްޖެ ވަޑައިގެންފަ އެވެ.

ގޯޓާބަޔަ ރާޖަޕަކްސަ ރާއްޖެ ގެނައި މައްސަލައިގައި ގިނަ ދިވެހިން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. ރާއްޖޭގެ ޕްރޮޓޮކޯލްތައް އޮންނަ ގޮތުން މިފަދަ ގޮތަކަށް އަންނަ ބޯޓަކަށް ރާއްޖޭގައި ޖެއްސޭނީ ޑިފެންސް މިނިސްޓްރީން އަދި ފޮރިން މިނިސްޓްރީގެ ހުއްދަ ލިބިގެންނެވެ. މިކަމާ ގުޅިގެން ސަރުކާރުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ސްރީލަންކާގެ ރައީސް މިއަދުން ފެށިގެން އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވުމަށް ފަހު ގައުމު ދޫކުރައްވައި ފުރާވަޑައިގެންނެވީ، އެ ގައުމުގެ އިގުތިސޯދު ހީނަރުވުމުން ރައްޔިތުން ނުކުމެ މުޒާހާރާކޮށް، ރައީސްގެ ގަނޑުވަރާއި އޮފީސް ހިސޯރުކުރުމުންނެވެ.