ކޮލަމްބޯ (13 ޖުލައި) ސްރީލަންކާގެ ރައީސް ގޯޓަބަޔަ ރާޖަޕަކްސަ ރޭގެ ވަގުތެއްގައި ސިއްރިއްޔާތުގައި ގައުމު ދޫކުރައްވައި ރާއްޖެއަށް ފިއްލެވުމުން އެގައުމުގައި ކުއްލި ހާލަތު އިއުލާން ކޮށްފި އެވެ.
ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ތަރުޖަމާނު ދިނުކް ކޮލޮމްބަގެ ވިދާޅުވީ ރައީސް ގައުމު ދޫކުރައްވައި ވަޑައިގަތުމާއެކު މި ހާލަތުގައި ގައުމު ހިންގެވުމަށް ވަކި މުއްދަތެއް ނެތް ގޮތަށް ސްޓޭޓް އޮފް އެމަޖެންސީ އިއުލާން ކޮށްފައިވާ ކަމަށެވެ.
މިއާއެކު ލަންކާގެ ފުލުހުން ވެސް ވަނީ އެގައުމުގެ އެކި ސަރަހައްދުތަކުގައި ކާފިއު ހިންގަން ފަށައިފަ އެވެ. މީގެ ތެރޭގައި މުޒާހަރާ ކުރިއަށްދާ ވެރިރަށް ކޮލަމްބޯ ވެސް ހިމެނެ އެވެ.
ރޭގެ ވަގުތެއްގައި އަސްކަރީ ވައިގެ އުޅަނދެއްގައި ގޯޓަބަޔަ ރާއްޖެ ވަޑައިގަތްކަން އެގައުމުގެ އަސްކަރިއްޔާއިން ޔަގީން ކޮށްދީފައިވާއިރު މިކަމާ ގުޅިގެން ދެގައުމުގެ ރައްޔިތުން ވެސް އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ.
އާދީއްތަ ދުވަހު މުޒާހަރާގެ ބައިވެރިން ރިޔާސީ ގަނޑުވަރަށް ވަދެ އެތަން ހިސާރުކުރި ފަހުން ގޯޓަބަޔަ ވަނީ އެތައް ފަހަރެއްގެ މަތިން ފިއްލަވަން މަސައްކަތް ކުރައްވައިފަ އެވެ. ނަމަވެސް އެއާޕޯޓުގެ އިމިގްރޭޝަން މުވައްޒްފުން ވަނީ އެކަމަށް ހުރަސް އަޅައިފަ އެވެ.
މިއަދު އިސްތިއުފާ ދޭނެ ކަމަށް ގޯޓަބަަޔަ ވިދާޅުވެފައިވާއިރު އިސްތިއުފާ ސިޓީގައި ސޮއި ކުރައްވައި ގާނޫނު ހަދާ މަޖިލީހުގެ ރައީސްއާ އެ ސިޓީ ހަވާލު ކުރައްވާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ގޯޓަބަަޔަ އިސްތިއުފާ ދިނުމުގެ ކުރިން ގައުމުން ފިއްލެވީ ހައްޔަރު ކޮށްފާނެތީ ކަމަށް ބެލެވެ އެވެ. ރައީސް ކަމުގައި ހުންނެވިހާ ހިނދަކު ގޯޓަބަޔަ ހައްޔަރު ކުރުމުގެ ފުރުސަތު އެގައުމުގެ ގާނޫނުގައި ދީފައެއް ނުވެ އެވެ.
ސްރީލަންކާގައި އާ ރައީސަކު އިންތިހާބު ކުރުން މިމަހުގެ 20 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާއިރު އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދަސަ ވަނީ އެ މަގާމަށް ވާދަކުރައްވާނެކަން އިއުލާން ކުރައްވައިފަ އެވެ. -- އަލް އަރަބިއްޔާ