އިންޑިއާގައި މޯލްޑިވިއަންގެ ބޯޓެއް ޗާޓަރުކޮށްގެން ފެށި ސީޕްލޭން ދަތުރުތައް މަހެއްހާ ދުވަސް ފަހުން މެދުކަނޑާލައި، ބޯޓު ރާއްޖެ ގެނެސްފި އެވެ.
ހިންދުސްތާން ޓައިމްސްގައި ބުނެފައި ވަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފައްޓަވައިދެއްވި ދަތުރުތައް މެދުކަނޑާލީ ބޯޓުގެ މަރާމާތަށް ކަމަށެވެ. އެ ދަތުރުތައް ކުރީ ސުބަރަމަތީ ރިވަ ފްރޮންޓުން އަހުމަދު އާބާދުގެ ކެވާޑިއާ އާ ދެމެދު އެވެ. އެއީ އިންޑިއާ ސަރުކާުން އިސްނަގައިގެން ފުރަތަމަ ފަހަރަށް ފެއްޓި ސީޕްލޭން އޮޕަރޭޝަނެވެ.
އެ ދަތުރުތަކުގައި ބޭނުންކުރީ މޯލްޑިވިއަންގެ 19 މީހުންގެ ޖާގައިގެ ޓުވިން އޮޓާ 300 މަރުކާގެ ބޯޓެކެވެ. އެ ބޯޓު މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު ރާއްޖެއަށް ފޮނުވާލާފައިވާ ކަމަށް އިންޑިއާގެ ސިވިލްއޭވިއޭޝަން މިނިސްޓްރީން ބުނެފައިވެ އެވެ.
އެ ދަތުރުތައް ކުރީ އިންޑިއާގެ އަމިއްލަ އެއާލައިނެއް ކަމަށްވާ ސްޕައިސްޖެޓް ސަބްސިޑިއަރީއެއް ކަމަަށްވާ ސްޕައިސް ޝަޓްލް އިން އައިލެންޑް އޭވިއޭޝަން (އައިއޭއެސް)ގެ ބޯޓެއް ކުއްޔަށް ނަގައިގެން ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ. އަދި އެ ދަތުރުގައި ބޭނުންކުރި ބޯޓާއި ފަޅުވެރިންނަކީ އައިއޭއެސްގެ ބައެއް ކަމަށް ވެސް ބުނެފައިވެ އެވެ.
ސްޕައިސްޖެޓްގެ ތަރުޖަމާނަކު ވަނީ ހިންދުސްތާން ޓައިމްސްއަށް އެ ދަތުރުތައް މެދުކަނޑާލިކަން ޔަގީންކޮށްދީފަ އެވެ.
"އެ ސީޕްލޭން ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލީ ބޯޓުގެ ކޮންމެހެން ކުރަން ޖެހޭ މަރާމާތަށް. އަހުމަދު އާބާދުގެ މެއިންޓަނަންސް ފެސިލިޓީ އަދިވެސް ދަނީ ހަދަމުން. އެހެންވެ އެ ބޯޓު ރާއްޖެއަށް ފޮނުވަން ޖެހޭ،" އޭނާ ވިދާޅުވެފައިވެ އެވެ.
އެ ތަރުޖަމާނު ވިދާޅުވީ މަރާމާތަށްފަހު ބޯޓު އިންޑިއާއަށް ދިއުމުން އަލުން ދަތުރުތައް ފަށާނެ ކަމަށެވެ. އަދި އަހުމަދު އާބާދުގައި ހަދާ މެއިންޓަނަންސް ފެސިލިޓީ އަވަހަށް ނިންމަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
ނަމަވެސް އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ "ހުރިހާ"އަށް މިއަދު ވިދާޅުވީ އެ ބޯޓު ސްޕައިސްޖެޓަށް ދިނީ ޗާޓަރަށް ކަމަށެވެ. އަދި އެ ޗާޓަރުގެ މުއްދަތު ހަމަވުމުން ބޯޓު އަނބުރާ ރާއްޖެ ގެނައީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސްޕައިސް ޖެޓުން މިހާރު ވެސް މަޝްވަރާ އެބަކުރޭ. އެކަމަކު އެކޮޅުން ޕްރޮޕޯސްކުރާ ގޮތެއް އެނގުނީމަ އަލުން ދަތުރުތައް ފަށާނީ،" ރިޒްވީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސްޕައިސްޖެޓާ ގުޅިގެން އަލުން ދަތުރުތައް ފަށާނެ ދުވަހެއް ނޭނގޭ ކަމަށެވެ.
"އަޅުގަނޑުމެންނަށް ހުށަހަޅާ އަގަށް ބަލާނަން. އަދި އެއީ ފައިދާވާނެ އަގެއްތޯ ވެސް ބަލާނަން،" ރިޒްވީ ވިދާޅުވި އެވެ.
ސްޕައިސްޖެޓުން ބުނެފައި ވަނީ އޮޕަރޭޝަން ފެށި ހަފުތާގެ ތެރޭގައި މެއިންޓަނަންސް މަސައްކަތެއް ކުރަން ޖެހިގެން ދެ ދުވަހު ދަތުރުތައް މެދުކަނޑާލަން ޖެހުނު ކަމަށެވެ.
"އަޅުގަނޑުމެން އެއްވެސް ބުކިންއެއް ނުނަގަން 27 ގެ ފަހަށް. އެއީ ކުރިއާލައި ނިންމާފައި އޮތް ކަމެއް،" އެ ތަރުޖަމާނު ވިދާޅުވެފައިވެ އެވެ.
އިންޑިއާގެ ސިވިލްއޭވިއޭޝަން މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ އެ ނޫހުގައި ބުނެފައި ވަނީ އެ ބޯޓު ފަހަރެއްގައި ނުގެންދާނެ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ޑިރެކްޓަރު ޖެނެރަލް އޭވިއޭޝަން ކޮމެންޓެއް ނުކުރި ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ.
އިންޑިއާގެ އޭވިއޭޝަން ސޭފްޓީ ކޮންސަލްޓެންޓެއް ކަމަށްވާ މޯހަން ރަންގަނަތަން ވިދާޅުވެފައި ވަނީ އެއް ވެސް އެއާކްރާފްޓެއް އުދުހެން ފަށާތާ އެއްމަސް ތެރޭގައި މަރާމާތުކުރަން ނުޖެހޭނެ ކަމަށެވެ. އަދި އެކަން ފަށާފައި ވަނީ ބަލަން ޖެހޭ މިންވަރަށް ނުބަލައި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
"އެކަން ފެށީ ހުރިހާ ހުއްދަތަކެއް އެއާލައިނަށް ދީގެން. ކަމާ ބެހޭ އިދާރާތަކުން ޔަގީންކުރަން ޖެހޭނެ އެ ކުންފުންޏަކީ މާލީ ގޮތުން އެކަންކުރެވޭ އަދި ފަޅުވެރިންނާއި މަރާމާތުކުރުމުގެ ކަންތައްތައް ވެސް. އެކަންތައް ޔަގީންނުކޮށް އެއާލައިނުން ފޮނުވާ ލިޔުމަކަށް ބިނާކޮށް ހުއްދަ ދީގެން ނުވާނެ. މިއިން އެނގެނީ އެ ބޯޓުގައި ފުރިހަމަ އެއާވޯދިނަސް ސެޓްފިކެޓެއް ވެސް ނެތްކަން،" އެ ތަޖުރިބާކާރު ވިދާޅުވެފައިވެ އެވެ.