އިންޑިއާގެ މަޝްހޫރު ތަރި ރަންބީރު ކަޕޫރު ވެސް ހޮލީވުޑުގެ ފިލްމެއްގައި މަސައްކަތްކުރަން އުޅޭ ކަމަށް ހަބަރު ފެތުރިއްޖެ އެވެ.

ރަންބީރު ހޮލީވުޑްގައި މަސައްކަތް ކުރަން އުޅޭކަމަށް ހަބަރު ފެތުރިފައި ވަނީ އޭނާގެ އަންހެނުން އާލިއާ ބާޓް ދާދި ފަހުން ހޮލީވުޑްގައި މަސައްކަތްކޮށް، ފިލްމުގެ ޝޫޓިން ނިންމާލާފައި ވަނިކޮށެވެ.

ނަމަވެސް މިކަމާ ގުޅިގެން ރަންބީރު ވަނީ، އިނގިރޭސި ފިލްމުތަކަށް އޮޑިޝަންކުރަން ބިރުގަންނަ ކަމަށް ބުނެފަ އެވެ. އަދި ރަންބީރު ދުވަހަކު ވެސް އިނގިރޭސި ފިލްމެއްގައި މަސައްކަތް ކުރަން ނުވިސްނާ ކަމަށް ބުނެފައިވެ އެވެ.

ރަންބީރު ބުނިގޮތުގައި ހޮލީވުޑް ފިލްމެއްގައި މަސައްކަތް ކުރުމަކީ އޭނާ ދުވަހަކު ވެސް ދެކުނު ހުވަފެނެއް ނޫނެވެ. އަދި ދުނިޔޭގެ މަޝްހޫރުކަމާއި ކުރިއެރުން، އަމިއްލަ ގައުމުގެ ސަގާފަތަށް ކުޅޭ މޮޅު ފިލްމަކުން ވެސް ލިބިދާނެކަން އޭނާ ފާހަގަކޮށްފައިވެ އެވެ.

ރަންބީރު އެންމެ ފަހުން ފެނިފައި ވަނީ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންއިން ގެނެސްދިން "ބްރަހްމަސްތުރާ" އިންނެވެ. މިއީ އިންޑިއާގެ ފިލްމަކުން މިހާތަނަށް ފެންނާނެ އެންމެ މޮޅު އަދި އެންމެ ތަފާތު ވީއެފްއެކްސް ވެސް ފެނިގެންދާނެ ފިލްމުކަމަށް ޕްރޮޑަކްޝަނުން ލަފާކޮށްފައިވެ އެވެ.