ފަހަކަށް އައިސް ބޮލީވުޑްގެ ފިލްމުތަކަށް އާންމުންގެ ފަރާތުން ލިބެމުންދާ ތަރުހީބު ދަނީ ދަށްވަމުންނެވެ.

ހަމައެހެންމެ ބޮލީވުޑް ފިލްމުތަކުގައި ބެލުން ތެރިންގެ ބަހުންނަމަ "އޮއްޓަރެއް" އެކުލެވޭ ސްޓޯރީއެއް ނުގެނެސްދޭ ކަމަށް އާންމުން ވަނީ ޝަކުވާކޮށްފަ އެވެ.

އާންމުންގެ ތަރުހީބަށް ފަހަކަށް އައިސް ލިބިފައިވަނީ ސައުތު އިންޑިއާގެ ފިލްމުތަކަށެވެ. އަދި އެ ފިލްމުތަކަށް ލިބޭ އާމްދަނީ ވެސް ބޮލީވުޑްގައި އެންމެ ފަހުން ނެރިފައިވާ ފިލްމުތަކަށް ވުރެ އެތައް ގުނައެއް ބޮޑުކަން ފާހަގަވެ އެވެ.

މިކަން ބޮލީވުޑްގެ ފިލްމު ހަދާ މީހުންގެ ސަމާލުކަމަށް އައިސްފައިވާއިރު، ފިލްމު ޕްރޮޑިއުސަރު ވިވޭކް އަގްނިހޯތީ ވަނީ އޭގެ ސަބަބެއްގެ ގޮތުގައި، ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމުގައިވާ ޝާހުރުކް ޚާން އާއި ސަލްމާނު ޚާން ކަމަށް ބުނެފަ އެވެ.

ވިވޭކް ބުނިގޮތުގައި އެދެމީހުން ފިލްމު އިންޑަސްޓްރީގައި އުޅޭހާ ހިނދަކު ބޮލީވުޑްގެ ފިލްމުތަކަށް ކުރިއެރުމެއް ނުލިބޭނެ އެވެ.

އޭގެ އިތުރުން ފިލްމީ ސިނެމާ ހިނގާނީ، މީހުންގެ ވާހަކަތައް ފިލްމީ އިންޑަސްޓްރީގައި ގެނެސްދީ، އާންމުންގެ ބާރު އޮތް އިންޑަސްޓްރީއަކަށް ހަދައިގެން ކަމުގައި އޭނާ ބުނެފައިވެ އެވެ.

ސަލްމާނާއި ޝާހުއަކީ އެބައެއްގެ ނަން ހާމަ ކުރުމުން ކޮންމެ މީހަކަށް ވެސް އެއީ ކޮން ބައެއްކަން އެނގޭނެ ކުޅަދާނަ ފަންނާނުންނެވެ. އެ ދެތަރިން ވެސް ވަނީ ދެތަރިންގެ އެކްޓުކުރުމުގެ ހުނަރުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދައި، ކާމިޔާބު ފިލްމުތަކެއް އާންމުންނާ ހަމައަށް ގެނެސްދީފަ އެވެ.