ރަންބީރު ކަޕުރަކީ އޭނާގެ އެކްޓްކުރުމުގެ ހުނަރާ މެދު ޝައްކުކުރެވޭ ފެންވަރުގެ އެކްޓަރެއް ނޫނެވެ. އެއަށް ވުރެ އޭނާގެ އެކްޓިން މާ ފުރިހަމަ އެވެ.

ރޮކްސްޓާ، ބަރްފީ އަދި ތަމާޝާ ފަދަ ފިލްމުތަކުން އޭނާ ވަނީ މިކަން ރަނގަޅަށް ވެސް ސާބިތުކޮށްދީފަ އެވެ. ނަމަވެސް ރަންބީރުގެ ފިލްމީ ކެރިއަރު އަޑިއަކަށް އަޅައިލި ސަބަބާއި، އޭގެ ވާހަކަތަކަކީ މިއަދުވެސް ދޭތެރެއަކުން ދެކެވޭ ވާހަކަތަކެކެވެ.

އެގޮތުން ރަންބީރު، މީގެ އަހަރުތަކެއް ކުރިން ލޯބީގެ ގޮތުން ގުޅުނު ފަންނާނެއް ކަމަށްވާ މަޝްހޫރު ތަރި ދީޕިކާ ޕަޑުކޯންއަށް ބޭވަފާތެރިވި ވާހަކަތަކަކީ ބޮލީވުޑްގައި މަޝްހޫރު ވާހަކަތަކެކެވެ. އަދި އެއީ އެކަމުގެ ސަބަބުން އޭނާއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެ، އޭނާގެ ކެރިއަރު އަޑިގަނޑަކަށް ދާން މެދުވެރިވި ސަބަބެވެ.

ދާދި ފަހުން އިންޑިއާގެ ނޫސްވެރިއަކު އޭނާއަށް ކުރި ސުވާލަކަށް ޖަވާބުދެމުންވެސް މިކަމާއި ގުޅުވައިގެން ރަންބީރު ވާހަކަދައްކާފައިވެ އެވެ. ރަންބީރު ބުނިގޮތުގައި އޭނާއާ ގުޅުވައިގެން ދެކެވޭ ވާހަކަތައް ގިނަ ފަހަރަށް އޭނާއާ ހަމައަށް އާދެ އެވެ. އެގޮތުން ދީޕިކާއާ އެކު ދިމާވި މައްސަލައިގައި އޭނާއާ ދިމާލަށް އާންމުން ބޭވަފާތެރި އަދި މަކަރުވެރިއެއްގެ ގޮތުގައި ނަންދީ ސިފަކުރިކަމަށް އޭނާ ބުނެފައިވެ އެވެ.

އެހެންނަމަވެސް އެފަދަ އެތައް އެއްޗެއް ރަންބީރާ ދިމާލަށް މީހުން ކިޔާފައިވާ ކަމަށާއި، އެކްޓަރަކަށް ވީތީ އެއީ އޭނާއަށް އާންމުކަމެއް ކަމަށް އޭނާ ބުނެފައިވެ އެވެ. އަދު އެއިން އެއްވެސް ކަމަކީ އޭނާއަށް އެއްވެސް ގޮތަކަށް އަސަރެއް ކުރާނެ ކަންކަމެއް ނޫން ކަމުގައި ރަންބީރު ބުނެފައިވެ އެވެ.