ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ވިނަރެސް ފްލެޓްތައް ގަންނަން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެޗްޑީސީއިން ބުނީ ވިނަރެސް މަޝްރޫއު އިން އެޕާޓްމަންޓް ގަތުމަށް އޮންލައިންކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާޅާފައިވާ ކަމަށާއި ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ ސެޕްޓެމްބަރު 15 އާ ހަމައަށް އޮންނާނެ ކަމަށެވެ.

ފޯމު ހުށަހަޅާ އޮންލައިން ޕޯޓަލަށް އެޗްޑީސީގެ ވެބްސައިޓު މެދުވެރިކޮށް ވަދެވޭނެ ކަމަށް އެކުންފުނިން ހާމަކުރެ އެވެ. އަދި އެ ޕޯޓަލަށް ލޮގިން ކުރެވޭނީ އީ-ފާސް މެދުވެރިކޮށް ކަމަށްވެސް އެޗްޑީސީއިން ބުނެ އެވެ.

ކުރީގެ ސަރުކާރުގައި ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ޗައިނާގެ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އިން އަޅަން ފެށި ފްލެޓުތައް ނިންމައި އެޗްޑީސީއާ ހަވާލުކުރީ ޖޫން 20 ގަ އެވެ.

ދިހަ ޓަވަރު ހިމެނޭހެން ތަރައްގީކޮށްފައިވާ ވިނަރެސް މަޝްރޫއުގައި 1344 ފްލެޓު ހިމެނެ އެވެ. މިއީ މުޅިން ވެސް 3 ކޮޓަރީގެ ފްލެޓްތަކެކެވެ.

އެޕާޓްމަންޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގައި ޕޮއިންޓް ދޭނެ އުސޫލުތަކާއި އޭގެ ތަފްސީލުތައް އެޗްޑީސީން ވަނީ އާންމުކޮށްފަ އެވެ.

ވިނަރެސް ފްލެޓް ގަތުމަށް ޕޮއިންޓްދޭނެ އުސޫލު:

  • މައި އެޕްލިކެންޓް އަދި ކޯ އެޕްލިކެންޓްގެ ނަމުގައި މާލެ ސަރަހައްދުގައި 600 އަކަފޫޓަށް ވުރެ ބޮޑު ބޯހިޔާވެހިކަމެއް ނެތް ނަމަ 25 ޕޮއިންޓު.
  • 18 އަހަރުން ދަށުގެ ދަރިންނާއި ޝަރުއީ ގޮތުން ހަވާލުވެގެން ބަލަމުންދާ ދަރިންގެ އަދަދު.
  • ދިރިއުޅޭ އެޕާޓްމަންޓުގައި އުޅޭ މީހުންގެ އަދަދު.
  • ބަދިގެ އާއި ލިވިން އޭރިއާގެ ބޮޑުމިން.
  • ފާހާނައިގެ އަދަދާއި އެއް ފާހާނައެއް ބޭނުން ކުރާ މީހުންގެ އަދަދު.
  • ހާއްސަ އެހީއަށް ބޭނުންވާ މީހެއް ހުރި ނަމަ އިތުރު 10 ޕޮއިންޓް.