ޔޯގާ ދުވަހުގެ ހަރަކާތަށް ހުރަަސް އެޅި ކަމަށް ބުނެ ފުލުހުން ހައްޔަރުކޮށްފައިވާ އައްޝައިހް އާދަމް ނިޝާން ބިން އަލީ އާދަމް އާއި އައްޝައިހް ފަޒްލޫން މުހައްމަދުގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރު ކޮށްފި އެވެ.

މިމައްސަލައިގައި ޝެއިހް ފަޒްލޫން އަދި ޝެއިހް ނިޝާންގެ ބަންދު މުއްދަތު އެކި ފަހަރު މަތިން އިތުރު ކޮށްފައިވާއިރު، ބަންދު މުއްދަތު އިތުރު ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ގެންދިއުމުން އެ ކޯޓުން ވަނީ އިތުރު 16 ދުވަސް ބަންދަށް ދީފައެވެ.

ބަންދު މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކުރިއިރު، ޝެއިހް އާދަމް ނިޝާން އާއި ޝައިހް ފަޒްލޫން މުހައްމަދުގެ ބަންދުގެ މައްސަލަ ހައިކޯޓުގައި އޮތީ އިސްތިއުނާފު ކޮށްފަ އެވެ.

ދެ އިލްމުވެރިން ހިމެނޭހެން ޔޯގާ ދުވަހުގެ ހަމަނުޖެހުންތަކާ ގުޅިގެން 21 މީހަކު ހައްޔަރުކޮށްފައިވެ އެވެ. ހަތް މީހަކު ދޫކޮށްލާފައިވާއިރު ބަންދުގައި ތިބީ 14 މީހެކެވެ. އަދިވެސް ހައްޔަރުކުރަން ޖެހޭ މީހުން އެބަ ތިބި ކަމަށާއި އެ މީހުން ހޯދުމުގެ މަސައްކަތް ކުރާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ޔޯގާ ޑޭ ގެ ހަމަނުޖެހުންުތައް ހިނގާފައިވަނީ ފުލުހުންގެ ސެކިއުރިޓީ ބްރީޗެއްގެ ސަބަބުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެ މައްސަލަ ބަލަމުން ދާކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގުކުރަމުން އަންނަ ކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ.