އެންމެ ރެއެއްގެ ނިދި ގެއްލުނަސް ޖަންކް ފުޑަށް ޝައުގުވެރިވެ ބަރުދަން އިތުރު ވުމަށް މަގުފަހިވާ ކަމަށް މިފަހުން ހެދި ދިރާސާއެއްގައި ބުނެފި އެވެ.
ނިދި މަދުވުމުން ބައެއް ކާނާތަކަށް ދަހިވިޔަސް އެކަން ދިމާވާނީ ބަނޑުހައިވުމުގެ އިހްސާސް އުފައްދާ ހޯމޯން ގިނަވެގެންނެއް ނޫނެވެ. މިކަން މީގެ ކުރީގެ ބައެއް ދިރާސާތަކުން ވެސް ވަނީ ކަށަވަރުވެފަ އެވެ. އަދި އެ ދިރާސާތަކުން އެނގޭ ގޮތުގައި ނިދި މަދުވުމުން، ރަނގަޅު ކާނާއާ ދުރުވެ ލުއިކާނާއަށް ހިތް ޖައްސައިދެ އެވެ.
"ނިދި މަދުވުމުން ރަނގަޅު ކާނާއާ ދުރުވަނީ ހޯމޯނަށް އަންނަ ބަދަލަކުން ކަމަށް ގަބޫލުކުރެވިފައި އޮތް އޮތުމަކީ މާ އާދައިގެ ގަބޫލުކުރުމެއް ކަމަށް ވެދާނެ،" ދިރާސާގައި އިސްކޮށް ހުންނެވި ބޭފުޅަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނިދި މަދުވުމުން ކެއުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ހަށިގަނޑު ބަރުވެ ސިއްހީ މައްސަލަތައް ދިމާވާ ކަމަށާއި އެ މައްސަލަތަކުގެ ސަބަބުން ނިދި އިތުރަށް މަދުވެ މައްސަލަ އިތުރަށް ގޯސްވާކަން ކުރީގެ ދިރާސާތަކުން ވެސް ދައްކާފައިވާ ކަމަށެވެ.
އަލަށް ކުރި ދިރާސާގައި ބައިވެރިކުރި މީހުންގެ ތެރެއިން، އެންމެ ރެޔަކު ނިދި ހަމަނުވި މީހުންގެ ސިކުނޑިން ވެސް ކާނާއަށް ބޭނުންވުމުގެ ހަރަކާތްތައް އިތުރުވި އެވެ. ބައިވެރިންގެ ތެރެއިން ރަނގަޅަށް ނިދި މީހުންނާއި ނިދި މަދުވި މީހުން ޖެހިގެން އައި ދުވަހު ކާނާއަށް ކުރި ޚަރަދަށް ބަލާއިރު، ނިދި މަދުވި މީހުން ކުރި ޚަރަދު ބޮޑެވެ.
އަދި އެ މީހުން ކާން ބޭނުންވި ތަކެއްޗަކީ، ރަނގަޅަށް ނިދި މީހުން ކާން ބޭނުންވި އެއްޗިއްސާ އަޅާބަލާއިރު ސިއްހަތަށް ރަނގަޅު ނޫން އެއްޗެހިކަން ވެސް ފާހަގަވި އެވެ.
އެހެން ކަމުން ދުޅަހެޔޮ ކެއުމުގެ އާދަތައް ހިފަހައްޓަން ބޭނުންނަމަ ރޭގަނޑުގެ ހަމަ ނިދި ހޯދުމަކީ ވަރަށް މުހިއްމު ކަމެކެވެ.