ކަލާޒް ޓީވީއިން ގެނެސްދޭ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 13 ވަނަ ސީޒަނުން މަޝްހޫރުކަން ހޯދި ޝެހެނާޒް ގިލް އަށް އިތުރު ފިލްމަކުން ފުރުސަތު ލިބިއްޖެ އެވެ.
މި އަހަރުގެ ޑިސެމްބަރު 30 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ ސަލްމާން ޚާންގެ "ކަބީ އީދު ކަބީ ދިވާލީ" އިން ބޮލީވުޑަށް ތައާރަފުވާ 28 އަހަރުގެ ބަތަލާ އަށް ލިބުނު ދެވަނަ ފިލްމަކީ އަނިލް ކަޕޫރް ހިމަނައިގެން އޭނަގެ ދަރިފުޅު ރިއާ ކަޕޫރް ޕްރޮޑިއުސްކުރާ ފިލްމެކެވެ.
މި ފިލްމުގައި ޝެހެނާޒް އާއި ކަނިލްގެ އިތުރުން ބޫމީ ޕިޑްނޭކަރް ވެސް ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޕަންޖާބްގެ ފިލްމު އިންޑަސްޓްރީގައި މީގެ ކުރިން މަސައްކަތްކޮށް، ގިނަ ބައެއްގެ ލޯބި ލިބިފައިވާ ޝެހެނާޒަށް ބޮލީވުޑުން ފުރުސަތުތައް ލިބެމުން އަންނައިރު އޭނާ އެންމެ ފަހުން ފެނުނީ "ހޯސްލާ ރަކް" އިންނެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޒަމާނީ ލޯބީގެ ގުޅުމުގެ މައްޗަށް ބިނާ ކޮށް ހަދާ މި ފިލްމާ ބެހޭ އެއްވެސް ވާހަކައެއް އަދި ރަސްމީކޮށް އިއުލާން ނުކުރި ނަމަވެސް ފިލްމު ވަރަށް އަވަހަށް ލޯންޗްކުރަން ރިއާ އަންނަނީ ތައްޔާރުވަމުންނެވެ.
އޭނަ ކުރިން ޕްރޮޑިއުސްކުރި ފިލްމުތަކުގެ ތެރޭގައި "ވީރޭ ދީ ވެޑިން" އާއި "ހޫބުސޫރަތު" ފާހަގަކޮށްލެވެ އެވެ.
ޓައިމްސް އޮފް އިންޑިއާ އިން ބުނި ގޮތުގައި މި މަހުގެ ފަހުކޮޅު ޝޫޓިން ފަށަން ހަމަޖެހިފައިވާ ރިއާގެ އާ ފިލްމު ޑައިރެކްޓްކުރާނީ ފިރިމީހާ ކަރަން ބޫލާނީ އެވެ. އަދި މިއީ އޭނަގެ ފުރަތަމަ ރަސްމީ ޑައިރެކްޝަނެވެ. ކަރަން ކުރިން ވަނީ އަޔާން މުކަރްޖީގެ "ވޭކަޕް ސިދު" އާއި ރިއާ ޕްރޮޑިއުސަރު "އައިޝާ" ގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.