ބުރުޒުމަގުގައި ހުރި ފިހާރައަކުން ވަގަށް ނަގާފައިވާ ފައިސާތަކަކާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ވަގަށް ނަގާފައިވާ ތަކެތި ފުލުހުން ހޯދައިފި އެވެ.

ފުލުހުން ބުނީ ބުރުޒުމަގުގައި ހުރި ފިހާރައަކުން ވައްކަންކުރާ ކަމަށް ޖުލައި 19 ވަނަ ދުވަހުގެ ފަތިހު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެ ރިޕޯޓާ ގުޅިގެން ގަލޮޅު ޕޮލިސް ސްޓޭޝަނުން އެ ސަރަހައްދަށް ދިޔައިރު، ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި ވައްކަންކުރަން ފިހާރައަށް ވަދެ ހުރި މީހަކު ފެނިފައިވެ އެވެ. އަދި އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު އެ ފިހާރައިން އޭނާ ވަގަށް ނެގި 18000 އަށްވުރެ ގިނަ ރުފިޔާ އާއި ޑޮލަރުތަކެއް ފެނިފައިވެ އެވެ.

މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ބިދޭސީ ފިރިހެނެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެ އެވެ.

އޭގެ އިތުރުން، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ވައްކަންކޮށްފައިވާ ކަމަށް ޖުލައި 18 ވަނަ ދުވަހުގެ ހެނދުނު ފުލުހުންނަށް ރިޕޯޓު ކޮށްފައިވެ އެވެ. އެ ރިޕޯޓާ ގުޅިގެން، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ވަގަށް ނަގާފައިވާތަކެތި ހޯދުމަށް ގަލޮޅު ޕޮލިސް ސްޓޭޝަނުން ހާއްސަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ.

އެގޮތުން އެ ސަރަހައްދު ބަލައި ފާސްކޮށް، ވަގަށް ނަގާފައިވާ އަށް ލެޕްޓޮޕް، ދެ އައި ފޯނު އަދި އެހެނިހެން ތަކެތި ވަނީ ހޯދާފަ އެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

މި ދެ މައްސަލަވެސް ގަލޮޅު ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.