ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރިން ތެރޭގައި ހިމެނޭ ޝާހްރުކް ޚާންގެ ދަރިފުޅު އާރިޔަން ޚާން މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރި ކުރުމާއި، އޭނާގެ ސަބަބުން ޝާހުއަށް ކުރިމަތިލާން ޖެހުނު ހިތްދަތި ދުވަސްތަކަކީ މާގިނަ ދުވަސްތަކެއް ކުދިން ހިނގައިދިޔަ ކަންކަމެއް ނޫނެވެ.

ކްރޫޒް ޝިޕެއްގައި ޕާޓީ ކުރަނިކޮށް އާރިއަންގެ އިތުރުން ހަތް މީހަކު ހައްޔަރު ކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހު އެވެ. އަދި ހަތަރު ފަހަރަށް ބެއިލްއަށް ހުށަހަޅައިގެން ވެސް އާރްޔަން ޖަލުން ސަލާމަތް ކުރެވިފައެއް ނުވެ އެވެ.

އޭގެ ފަހުން ހައިކޯޓަށް އެ މައްސަލަ ހުށަހަޅައި އޭނާއަށް ބެއިލް ލިބިފައިވަނީ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހުގަ އެވެ. އަދި އޭނާ ގެއަށް ފޮނުވާލީ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުގަ އެވެ.

ނަމަވެސް ދުވަސްތަކެއް ފަހުން އަނެއްކާ ވެސް އާރްޔަން އިންޑިއާގައި ޕާޓީކުރަންދާ ކްލަބެއްގެ ތެރެއިން ފެނިފައިވާ ވީޑިއޯއެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވާން ފަށާފަ އެވެ. އެ ވީޑިއޯ އާންމުވާން ފެށުމުން ގިނަ ބަޔަކު އެކަމަށް ފާޑުކިޔާފައިވާއިރު، އަނެއް ބަޔަކު އޭނާގެ ދިފާއުގައި ވެސް ނިކުމެފައިވެ އެވެ.

އެގޮތުން އާރްޔަން އަކީ އަދިވެސް ޒުވާން އުމުރު ހޭދަކުރަމުން ގެންދާ ޒުވާނެއް ކަމަށާއި، އެ އުމުރުގެ ކުދިން ދާ ފަދައިން އޭނާ ވެސް ކްލަބްތަކަށް ދެވެން ޖެހޭނެ ކަމަށް ދިފާއުގައި ބުނެފައިވެ އެވެ.

އާރްޔަން އަކީ ބޮލީވުޑްގައި ކާމިޔާބު ގިނަ ފިލްމުތަކެއް އާންމުންނާއި ހަމައަށް ގެނެސްދީފައިވާ މަޝްހޫރު ތަރި ޝާހުރުކް ޚާންގެ ދޮށީ ދަރިފުޅަށް ވާއިރު، އޭނާގެ ފަރާތުން މަސްތުވާތަކެތީގެ މައްސަލައެއް ބެލުމުގެ ސަބަބުން ޝާހުގެ ފޭނުން އޭނާއަށް ކުރާ ތަރުހީބު ކުޑަވެފައިވާކަމަށް އިންޑިއާގެ ބައެއް ރިޕޯޓުތަކުން ބުނެ އެވެ.