ކީވް (28 ޖުލައި)- ޔޫކްރެއިންގެ ދެވަނައަށް އެންމެ ބޮޑު ޕަވާ ޕްލާންޓް ރަޝިއާގެ އަތްދަށަށް ގޮސްފައިވާ ކަމަށް ޔޫކްރެއިންގެ އޮފިޝަލުން ބުނެފި އެވެ.

އިރުމަތީ ޔޫކްރެއިންގައި ހުންނަ މި ޕަވާ ޕްލާންޓް ހިފުމަކީ ފާއިތުވި ތިން ހަފްތާގެ ތެރޭގައި ރަޝިއާއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ.

"އެތަން ހިފުމަކީ ރަޝިއާއަށް ލިބުނު ނިސްބަތުން ވަރަށް ކުޑަ ކާމިޔާބެއް،" ޔޫކްރެއިންގެ ރައީސް ވޮލާދިމީރް ޒެލެންސްކީގެ އެޑްވައިޒަރު އޮލެކްސީ އެރަސްޓޮވިޗް ވިދާޅުވި އެވެ.

ހާއްސަ އަސްކަރީ އޮޕަރޭޝަނެއްގެ ނަމުގައި ރަޝިއާއިން ޔޫކްރެއިންއަށް އަރައި ކުރަން ފެށި ހަނގުރާމައަށް ފަސް މަސް ވެފައިވާއިރު ރަޝިއާއިން ވަނީ ޔޫކްރެއިންގެ މުހިއްމު ގިނަ ސަރަހައްދުތަކެއް އެގައުމުގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފަ އެވެ.

މި ހަނގުރާމައާ ގުޅިގެން ހާއްސަކޮށް އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ރަޝިއާއަށް ގިނަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވި ނަމަވެސް މިހާތަނަށް ރަޝިއާއިން އެގައުމުގެ ހަރަކާތްތައް މަދު ކޮށްފައެއް ނުވެ އެވެ.

ރަޝިއާއިން ޔޫކްރެއިންގެ އިތުރު ޕަވާ ޕްލާންޓެއް ހިފި ހަބަރު އައިސްފައި މިވަނީ އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކަން ރަޝިއާގެ ފޮރިން މިނިސްޓަރު ސާގޭ ލެވްރޯވްއާ ފޯނުން ގުޅުއްވައި ވާހަކަ ދައްކަވަން ހަމަޖެހިފައި ވަނިކޮށެވެ.

މި ފޯނު ކޯލަކީ ރަޝިއާއިން ހަނގުރާމަ ފެށިފަހުން މިފަދަ ގޮތަކަށް އެ ދެބޭފުޅުން ވާހަކަ ދައްކަވާ ފުރުތަމަ ފަހަރެވެ. މި ވާހަކަތަކުގައި ޔޫކްރެއިން -ރަޝިއާ މަޝްރަހާ ބެހޭ ގޮތުން މަޝްވަރާ ކުރެވޭނެ ކަމަށް ބެލެވެ އެވެ. -- އަލް އަރަބިއްޔާ