ބެއިޖިން (29 ޖުލައި) - ކޮވިޑަށް ފަހު ފުރަތަމަ ފަހަރަށް ޗައިނާގެ ވެރިރަށް ބެއިޖިންއަށް ބައިނަލްއަގުވާމީ ޕެސެންޖާ ފްލައިޓްތައް އަލުން ފަށަން އެގައުމުން ނިންމައިފި އެވެ.
ޗައިނާއިން މި ނިންމުން ނިންމާފައި މިވަނީ މީގެ ދެ އަހަރު ކުރިން ކޮވިޑް ޕެންޑަމިކް ފެށުމާއެކު މުޅިންހެން އެގައުމުގެ ބޯޑަރު ބަންދު ކޮށްފައި އޮތުމަށް ފަހުގަ އެވެ.
އެގޮތުން ބައެއް އެއާލައިންތަކުން މިހާރުވެސް ބެއިޖިންއަށް ޓިކެޓު ވިއްކަން ފަށާފައި ވާއިރު ބައެއް އެއާލައިންތަކުން ވަނީ އެ އެއާލައިންތަކުގެ ބެއިޖިން އޮޕަރޭޝަންތައް ވަރަށް އަވަހަށް ފަށާނެ ކަމަށް ބުނެފަ އެވެ.
2020 ވަނަ އަހަރުގެ ކުރީކޮޅު ބެއިޖިންއަށް ސީދާ ފްލައިޓުތައް ޖެއްސުން މަނާ ކޮށް އެ ސަރަހައްދަށް ދިއުމުގެ ކުރިން އެގައުމުގެ އެހެން ސަރަހައްދެއްގައި ކަރަންޓީން މުއްދަތު ހަމަކުރަން ޖެހޭ ގޮތަށް ހެދުމުން ބެއިޖިންއަށް ދަތުރު ފަތުރު ކުރުން އޮތީ ވަރަށް ބޮޑަށް ހިފެހެއްޓިފަ އެވެ.
ބެއިޖިންއަށް ސީދާ ދަތުރުތައް ފެށި ނަމަވެސް އަދިވެސް ކޮވިޑް 19ގެ ބައެއް ގަވާއިިދުތަކަށް އަމަލު ކުރަމުން ގެންދާނެ އެވެ. އެގޮތުން އަމަލުކުރާ ސިޔާސަތުތައް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ބެއިޖިންގެ އިދާރާތަކުން ބުނެ އެވެ.
ޗައިނާއަކީ މުޅި ދުނިޔޭގައި ވެސް ކޮވިޑް 19އާ ގުޅިގެން އެންމެ ހަރުކަށި ބޯޑާ ކޮންޓްރޯލް ފިޔަވަޅުތައް އަޅާފައިވާ އެއް ގައުމެވެ. -- އަލް އަރަބިއްޔާ