ފަސް އަހަރުން ދަށުގެ ކުދިންނަށް ސްކްރީން ދައްކަން ވާނީ އެންމެ ގިނަވެގެން ދުވާލަކު އެއް ގަޑިއިރު ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
އެ ދިރާސާގައި ބުނެފައިވަނީ ކުޑަ ކުދިން ބޮޑަށް ހަރަކާތްތެރިވާނީ އެހެނިހެން ކަންކަމުގައި ބައިވެރި ކުރުމުން ކަމަށާއި މާގިނައިން ޓީވީ ބެލުމާއި، ގޭމް ކުޅުމާއި އިލެކްޓްރޯނިކް ސްކްރީނަށް އެ ކުދިން ދޯޅު ކުރުމަކީ އެކުދިންގެ ވިސްނުން ކޮށިވާ ކަމެއް ކަމަށެވެ.
މި ދިރާސާ ހެދުމުގައި އިސްކޮށް އުޅުއްވި ބޭފުޅެއް ވިދާޅުވީ އެއް އަހަރާއި ހަތަރު އަހަރުގެ ކުދިން ދުވާލަކު މަދުވެގެން ހަތަރު ގަޑިއިރު ހަރަކާތްތެރިވެ އުޅެން ޖެހޭނެ ކަމަށެވެ. އެއް އަހަރުން ދަށުގެ ކުދިން މަދުވެގެން އެއް ގަޑިއިރު ބިންމަތީގައި އެކަނި ކުޅެން ދޫކޮށްލަން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އަބަދު ސްކްރީން ދޮށުގައި ފަސް އަހަރުން ދަށުގެ ކުދިން ބައިންދާނަމަ އެކުދިންގެ ހަށިގަނޑަށް ނޭދެވޭ ބަދަލުތައް އަންނާނެ ކަމަށް ފާހާގަކުރަމުން ދިރާސާގައި ބުނެފައިވަނީ މިކަަކީ ބައެއް ކުދިން ހުންނަން ޖެހޭ ވަރަށް ވުރެ ބަރުވުމާއި، ކެންސަރަށް މަގުފަހި ވުމާއި އެކުދިންގެ ވިސްނުންވެސް ކޮށި ވުމަށް މަގުފަހި ކުރުވާ ކަމެއް ކަމަށެވެ.
ހަމައެއާއެކު އެހާ ކުޑައިރު ސްކްރީނަށް ބަލާނަމަ ލޮލުގެ ފެނުން ފުސްވެދާނެ ކަމަށް ވެސް އެ ދިރާސާގައި ފާހަގަ ކޮށްފައިވެ އެވެ. މީގެ އިތުރުން ހުރިހާ ކަމެއް ހަށިގަނޑުން ނުފެންނާނެ ކަމަށާއި ނޭދެވޭ އަސަރު އެކުދިންގެ ސިކުނޑިއަށް ވެސް ކުރާނެތީ ބެލެނިވެރިން ވިސްނަން އިލްތިމާސް ކޮށްފައިވެ އެވެ.
ފަސް އަހަރުން ދަށުގެ ކުދިންގެ ތެރެއިން މުޅި ދުނިޔޭގައި 40 މިލިއަނެއްހާ ކުދިން ހުންނަން ޖެހޭވަރަށްވުރެ ބަރުދަން އިތުރު އިރު އޭގެ ސަބަބަކީ އެއްތަނެއްގައި އަބަދު ތިބުމާއި ހަރަކާތްތެރިވެ އުޅުން މަދުވުން ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހެދި އެހެން ދިރާސާއެއްގައި ބުނެފައިވެ އެވެ.
ކުދިންނަށް ނިދި ލިބެންވާ ވަރަށް ވުރެ މަދުން ލިބުމަކީވެސް ސްކްރީންގެ ސަބަބުން ވާ ކަމެއްކަމުގައި ޑަބްލިއުއެޗްއޯ އިން އިތުރަށް ބުންޏެވެ. އެ ކުދިންނަށް ލިބެންވާވަރަށްވުރެ މަދުން ނިދި ލިބޭނަމަ، ހަށިގަނޑުގެ ދިފާއީ ނިޒާމް ބަލިކަށިވެ އެ ކުދިންގެ އުޅުން ކަންނެތް ވާނެކަމަށްވެސް އެ ޖަމިއްޔާއިއު އިން ފާހަގަކުރި އެވެ.
އެހެންކަމުން ތުއްތު ކުދިން ސްކްރީންތަކާ ވީހާ ވެސް ދުރު ކުރުމަކީ އެކުދިންގެ ދުޅަހެޔޮ ސިއްހަތަށް އެޅޭނެ ވަރަށް ރަނގަޅު ފިޔަވަޅެކެވެ.