މާލޭ މީހުންނަށް ހާއްސަކޮށްގެން ސަރުކާރުން ދޫކުރާ ގޯއްޗާއި މާލޭގައި ދިރިއުޅޭ މީހުންނަށް ހާއްސަ ފްލެޓަށް ފޯމު ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މާލެ ސަރަހައްދުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލުމަށް ހުޅުވާލެވިފައިވާ މުއްދަތުގައި ފޯމުލުމަށް ބޭނުންވާ ފަރާތްތަކަށް ފޯމު ފުރުމުގައި އެހީތެރިވުމަށް މާލެ ސިޓީ ކައުންސިލުން ފަށާފައިމިވަނީ ފޯމު ފުރުމުގައި ދަތިތަކާ ކުރިމަތިވާ ފަރާތްތަކަށް ވީހާ ވެސް ބޮޑަކަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.
ފޯމުލުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީވުމުގެ ގޮތުން މޭޒުތައް ބަހައްޓާފައިވަނީ މާލެ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާ ބެހޭބައިގަ އެވެ.
ސިޓީ ކައުންސިލުން ބުނީ މިއަދުން ފެށިގެން ސެޕްޓެމްބަރު މަހުގެ 26އަށް މި ދެތަނުގައި ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 ފެށިގެން މެންދުރު 14:00 އާ ދެމެދު އަދި ރޭގަނޑު 20:00 އިން 22:00 އާ ހަމަޔަށް ފޯމު ފުރުމާއި ހުށައެޅުމަށް އެހީތެރިކަން ފޯރުކޮށް ދެމުންގެންދާނެ ކަމަށެވެ.
ހުޅުމާލެއިން 1000 ގޯއްޗާއި ގުޅިފަޅު ހިއްކާ ސަރަހައްދުން 2000 ގޯތި އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ 4000 ފްލެޓަށް ކުރިމަތިލުމަށް ސަރުކާރުން ހުޅުވާލީ މިދިޔަ މަހުގެ 29 ގަ އެވެ.
މާލެއިން 40 އަހަރު ފަހުން ހިލޭ ގޯތި ދޫކުރަން ހުޅުވާލިއިރު މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.