ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޑީއާރްޕީން ވާދަކުރަން ނިންމާ ޕާޓީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރަށް ރިޔާސީ ޓިކެޓް ދިނުމަށް އެ ޕާޓީން ނިންމައިފި އެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި ޕާޓީތަކުގެ ތެރޭގައި ހިމެނޭ ޑީއާރްޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ޖާބިރު ހަމަޖެއްސުމަށް އެ ޕާޓީގެ ކައުންސިލުން ނިންމާފައިވަނީ ކައުންސިލް މެންބަރުންގެ އިއްތިފާގުންނެވެ.
ޑީއާރުޕީ 2005 ވަނަ އަހަރު އުފެދުނު ފަހުން މިހާތަނަށް ރިޔާސީ އިންތިހާބުގައި ވާދަކުރީ 2008 ވަނަ އަހަރު އެކަންޏެވެ. އެ ފަހަރު އެ ޕާޓީގެ ނަމުގައި ވާދަކުރެއްވީ އެ ޕާޓީގެ ބާނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ.
ޖާބިރަށް ރިޔާސީ ޓިކެޓް ދިނުމަށް ޑީއާރްޕީން ނިންމާފައި މިވަނީ އޭނާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އެތައް ފަހަރަކު އެތައް ތަނެއްގައި ވިދާޅުވެފައި ވަނިކޮށެވެ.
ޖާބިރު ގެންދަވަނީ ރާއްޖޭގެ އެކި ރަށްތަކަށް ދަތުރުުކުރައްވާ އޭނާގެ ވެރިކަމެއްގައި ކުރައްވާނެ ކަންކަން ރައްޔިތުންނަށް ވިދާޅުވެ ދެއްވާ، ޑީއާރްޕީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތްތަކެއް ވެސް ކުރައްވަމުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ދެވަނަ ދައުރަކަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ފާޅު ކުރައްވައިފަ އެވެ. އެމަނިކުފާނާ ވާދަ ކުރައްވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް ވިދާޅުވެފައި ވެ އެވެ.
މީގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވެސް ވަނީ އެ ޕާޓީން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނެ ކަމަށް އިއުލާން ކޮށްފަ އެވެ. އެކަމަކު ވާދަ ކުރައްވާ ބޭފުޅެއް އެ ޕާޓީން ނުބުނެ އެވެ.
މިފަހުން އުފެއްދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވަގުތީ ލީޑަރު އަދި ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމް ވެސް ވަނީ ރިޔާސީ އިންތިހާބަށް ޝައުގުވެރިކަން ފާޅު ކުރައްވައިފަ އެވެ.