މުޅި ދުނިޔެއިން ވެސް އެންމެ ރުޅިގަދަ މީހުން ތިބީ ލުބްނާނުގައި ކަމަށް އެކަމަށް ހާއްސަ ކޮށްގެން ކުރި ދިރާސާއެއްގެ ރިޕޯޓުގައި ބުނެފި އެވެ.

އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ގެލަޕްއިން މިދިޔަ ދެ އަހަރުގެ މައުލޫމާތު އެއްކޮށްގެން ކުރި މި ދިރާސާގައިވާ ގޮތުން ދިރިއުޅުމުގެ ކަންކަން ހުރިގޮތުން އެންމެ ގިނައިން ރުޅި އަންނަން ޖެހޭ މީހުން ތިބީ ލުބްނާނުގައި ކަމަށެވެ.

ހަރުކަށި ސަރުކާރާއި އިގްތިސާދީ ހީނަރުކަމުގެ ސަަބަބުންނާއި 2020 ވަނަ އަހަރުގެ ބެއިރުޓް ގޮވުމުގެ ހާދިސާއަށްފަހު އެ ގައުމުގެ މީހުން އުޅެން ޖެހިފައިވަނީ ވަރަށް ދަތި ދިރިއުޅުމެއް ކަަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ގެލަޕް އިންޓަނޭޝަނަލް އިމޯޝަނަލް ރިޕޯޓުގައި 100 ގައުމެއްގެ މައުލޫމާތަށް ބެލުމަަށްފަހު ބުނެފައިވަނީ ލުބްނާނުން އެ ދިރާސާގައި ބައިވެރިވި 49 ޕަސެންޓް މީހުންނަކީ އާއްމުކޮށް ކަންކަމުގައި ރުޅިގަދަވާ މީހުން ކަމަށެވެ.

ދުނިޔޭގެ އެންމެ ރުޅިގަދަ ގައުމުތަކުގެ ލިސްޓު

ލުބްނާނުގެ އިތުރުން ދެން މި ލިސްޓުގެ އެންމެ ކުރީގައި ހިމެނެނީ ތުރުކީ، އަރުމީނިއާ އަދި އިރާގެވެ. ދިހަ ގައުމުގެ މައްޗަށް އެކުލަވާލާ ހެދި މިލިސްޓުގައި ދެ ގައުމު ފިޔަވައި އެހެން ހުރިހާ ގައުމުތަކަކީ ވެސް މެދު އިރުމަތީގެ ގައުމު ތަކެވެ.

މީގެ ކުރިން ހެދި ދުނިޔޭގެ އެންމެ ހިތާމަވެރި ގައުމުތަކުގެ ލިސްޓުގައި ވެސް ލުބްނާން ހިމެނިފައިވެ އެވެ. އަފްޣާނިސްތާން އެ ލިސްޓުގެ އެންމެ ކުރީގައި އުޅުނުއިރު ގަދަ ތިނެއްގައި ދެން ހިމެނުނީ ތުރުކީ އެވެ.

އެއާ ޚިލާފަށް ދުނިޔޭގެ އެންމެ އުފާވެރި ގައުމުތަކުގެ ތެރޭގައި ހިމެނެނީ އައިސްލެންޑް، ޕެރެގުއޭ، ޑެންމާކް އަދި އަޔަލޭންޑް އެވެ.