ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދިޕިކާ ޕަޑުކޯންއަކީ ޑިޕްރެޝަންގެ މައްސަލަތަކާ ކުރިމަތިލާ ޖެހުނު ފަންނާނެކެވެ. އެ ކަމުން އަރައިގަންނަ އޭނާ ކުރި މަސައްކަތާއި ފިލްމީ ދާއިރާއަށް އެނބުރި އަންނަން އޭނާ ޑިޕްރެޝަނާ ދެކޮޅަށް ކުރި ހަނގުރާމައާ ބެހޭ ގޮތުން މީގެ ކުރިން ވެސް މީޑިއާގައި ވަނީ ވާހަކަ ދައްކާފަ އެވެ.
މީގެ އިތުރުން ދިޕިކާއަކީ ނަފްސާނީ ބައްޔަކާ ކުރިމަތިލާން ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެންޖީއޯއެއް ހަދައިގެން މަސައްކަތް ކުރަމުން އަންނަ ފަންނާނެކެވެ. އަދި ޑިޕްރެޝަނާ ބެހޭ ގޮތުން މީހުން ހޭލުންތެރި ކުރުމުގެ ގޮތުން ތަފާތު ހަރަކާތްތައް ވެސް ހިންގަމުން އަންނަ ފަންނާނެކެވެ.
މިފަހަރު ވެސް ދިޕިކާ ވަނީ އޭނާއަށް ކުރިމަތިވި ޑިޕްރެޝަން މައްސަލައާ ގުޅިގެން މީޑިއާގައި ވާހަކަ ދައްކާފަ އެވެ.
"ޕަތާން"ގެ ބަތަލާ ދިޕިކާ ބުނީ ޑިޕްރެޝަންގެ ތެރޭގައި އޭނާ ދުނިޔޭގައި އުޅޭން ބޭނުން ނުވާ ފަދަ ހާލަތްތަކަށް އޭނާގެ ހާލަތު ދިޔަ ކަމަށެވެ.
"އެއްވެސް ކަމަކާ ނުލާ އަހަރެންނަށް ރޮވިދާނެ. ބައެއް ދުވަސް ދުވަހު އަހަރެން އެނދުން ތެދުވާން ބޭނުންވިޔަސް ތެދުވާހިތް ނުވޭ. އަހަރެން ނިދަނީ، އެއީ ހަމައެކަނި އޮތް ގޮތް ކަމުގައިވާތީ. ބައެއް ފަހަރު އަމިއްލައަށް މަރުވުމުގެ ހިޔާލުވެސް އާދޭ،" ދިޕިކާ ބުންޏެވެ.
ދިޕިކާ ބުނީ، މައިންބަފައިން އޭނާ ކައިރިއަށް އަންނައިރު، އެ މީހުން ކުރިމަތީގައި "ނޯމަލް"ކޮށް އުޅެން މަސައްކަތް ކުރާ ކަމަށެވެ. އެހެންނަމަވެސް އޭނާގެ މަންމައަށް އޭނާގެ ޑިޕްރެޝަންގެ އަލާމާތްތައް ފެންނާތީ، އެ އަލާމާތްތައް ދެނެގަނެ ޕްރޮފެޝަނަލް އެހީތެރިކަން ހޯދުމަށް ލަފާ ދިން ކަމަށް ދިޕިކާ ބުންޏެވެ.
"އަހަރެންގެ މައިންބަފައިން އުޅެނީ ބެންގަލޫރްގައި. އެ މީހުން އަހަރެން ކައިރިއަށް އަންނައިރު، އަހަރެން ބަލަނީ ވީހާވެސް ހަމަޖެހިލައިގެން ހުރިހާ ކަމެއްވެސް އޯކޭ ކަމަށް ހަދައިގެން އުޅެން. އަބަދުވެސް ބޭނުންވާނެތާ މައިންބަފައިންނަށް ހުރިހާ ކަމެއް ރަނގަޅު ކަމަށް ދައްކަން،" ދިޕިކާ ބުންޏެވެ.
2018 ވަނަ އަހަރު ރަންވީރު ސިންގް އާއި ކައިވެނި ކުރުމަށްފަހު ދިޕިކާ ދިރިއުޅެމުން އަންނަނީ މުމްބާއީގަ އެވެ.
ދީޕިކާ މިހާރު ދަނީ ޕްރަބާސްއާއެކު "ޕްރޮޖެކްޓް ކޭ" ގެ މަސައްކަތް ކުރަމުންނެވެ. އަދި މީގެ އިތުރުން ސިދާތު އާނަންދު "ޕަތާން" ވެސް ދިޕިކާ ފެނިގެންދާނެ އެވެ. ރިތިކް ރޯޝަން އާއެކު ދިޕިކާ ގުޅުމަށް ހަމަޖެހިފައިވާ ފިލްމުގެ މަސައްކަތް ވެސް ކުރިއަށް އެބައޮތެވެ.